ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު މީހުންނަށް ގެތައް އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތީ 2016 ވަނަ އަހަރުއެވެ. ވިމްލާއަށް ފައިސާ ދައްކަން ދައުލަތަށް ޖެހުނީ ސުނާމީއާ ގުޅިގެން ގއ. އަތޮޅުގެ 3 ރަށެއްގައި އެ ކުންފުނިން އެޅި ގެތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ.

ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ނިންމާފައިވަނީ މިމައްސަލައިގައި އިޖުރާޢާތްތައް ފުރިހަމަނުވާކަމަށެވެ. އެގޮތުން އެއްބަސްވުން އޮތްގޮތުން، ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެއްޖެނަމަ، އެކަން ހައްލު ކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީގައި އޮންނަ ޓެންޑާ އިވެލުއޭޝަން ބޯޑު މެދުވެރިކޮށްކަމަށާއި، އެގޮތަށްވެސް މައްސަލަ ހައްލު ނުވެއްޖެނަމަ އެ މައްސަލައެއް ދެން ބެލޭނީ އާބިޓްރޭޝަނަށް ކަމަށް އެ އެއްބަސްވުމުގައިވާ ކަމުގައި ހައި ކޯޓުގެ ނިންމުމުގައިވެއެވެ.

އެހެންކަމުން މައްސަލަ ހުށައަޅާފައި ވަނީ ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރައާތްތައް ފުރިހަމަނުކޮށްކަމަށާއި، އެހެންކަމުން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް ރިޢާއަތްނުކޮށްކަންވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ހައި ކޯޓުން މިމައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ. މައްސަލައިގެ ހުކުމް އިއްވާފައިވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން