ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ކުރާ މަސައްކަތަކީ ވޯޓާއި ދިމާކޮށް، ވޯޓު ހޯދަން ކުރާކަމެއް ނޫންކަމަށާއި، މިކަމަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނަށް ކޮށްދޭން މަސައްކަތް ކުރާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައަކީ ވޯޓު ހޯދުމަށް ހުށަހެޅުނު މައްސަލައެއް ކަމަށްބުނެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ދޮންބިލެއް ވިދާޅުވީ އެމްޑީޕީން ސިޔާސީ މަންފާއަށްޓަކައި ކަމެއް ނުކުރާނެކަމަށާ އަދި އަމުދުން ވޯޓު ހޯދުމަށް ކަންކަން ނުކުރާނެކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވޯޓު ހޯދުމަށް އެއްލަކިން ނަމުގައި ލައިސަންސް ނެގޭނެ ގޮތް ހަދައި ދުވަހަކުވެސް ވެހިކަލެއް ނުދުއްވާ ގޭގައި ތިއްބައި މީހުންނަށް ލައިސަންސް ލިބޭނެ ގޮތް ހެދުމުން އެތައް ގޮންޖެހުމެއް ކުރިމަތިވިކަމަށް ދޮންބިލެއް ވިދާޅުވިއެވެ. އަދި މިއާއިއެކު އެތަކެއް އެކްސިޑެންޓެއް ހިނގައި ނުރައްކާތެރި ހާލަތަކަށް ދިޔަތަންވެސް އެދުވަހު ފެނުނުކަމަށާ ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ސިޔާސީ ކުރިޔަސް މިސަރުކާރުން ލައިސަންސުގެ ކަންތައް ސިޔާސީ ކަމަކަށް ހަދައި ވޯޓު ހޯދަން ކުރާކަމަކަށް ނުހަދާނެކަމަށް ހަލީމް ވިދާޅުވިއެވެ.

"އިންތިޚާބަކާއި ދިމާކޮށް ވޯޓު ހޯދަން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރަން. އެބޭފުޅުންނަށް އެހެން އެހީވަނީ އެބޭފުޅުންގެ ދައުރުގައި އިންތިޚާބާއި ދިމާކޮށް އެބަހުރި ކަންކަންކޮށް، އޭގެ ތެރެއިން އެއްލަކިން ލައިސަންސު ދިނުން ކިޔާފައި ރާސްލާފައި ލައިސަންސުތަކެއް ދެވުނު. އެދެވުނު ލައިސަންސުގެ ނަތީޖާއަކަށް ވެގެން ދިޔައީ ދުވަހަކުވެސް ދުއްވާ އެއްޗަކަށްނާރާ މީހަކަށް ގޭގައި ތިއްބައި ލައިސަންސު ލިބުނީމާ އެދުވަސްވަރު ވަރަށް ނުރައްކާތެރި އެކްސިޑެންޓު ހިގާފައިވޭ. އެއީ ވޯޓު ހޯދަން ކަންކަން ކުރުމުން ދިމާވާ މައްސަލަތައް." ދޮންބިލެތް ވިދާޅުވިއެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމްގެތެރެއިން 3289 މީހަކަށް ލައިސަންސް ލިބިފައިވާއިރު މި ޕްރޮގްރާމްގައި 9600 އަށްވުރެ ގިނަ ފަރާތުން ވަނީ ޓޯކަންނަގައި އެޕްރޮގްރާމްގައި ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން