ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިކަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ މީޑިއާތަކަށް ޔަޤީންކޮށްދީފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެހުކުމަށް މިދިޔަ ޖެނުއަރީމަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ތާޢީދުކޮށްފައެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ބެލެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާރުވެސް އަންނަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަމުންނެވެ. މިގޮތުން ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިހާރުވަނީ ކޯޓުގައި ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން