ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިހް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިގޮތަށް މިފަދަ ބަދަލެއް ގެނެވިފައިވާ ފުރަތަމަ ފަހަރުކަމަށެވެ.

"ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ، ރަށު ކައުންސިލް. އެ ވަސީލަތްތަކުން ހޯދާ އާމްދަނީ ލިބޭނީ އެ ރަށަކަށް. މިއީ ދިވެހި ތާރީޚުގައިވެސް، ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަން، އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި އިޞްލާޙުތަކާއެކު، ކައުންސިލުތަކަށް، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ލިބިގެންދިޔަ ބާރާއި ފަހިވެފައިވާ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމަ އެއާއެކު، އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙްތަކާ ގުޅިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ އެ ބަދަލުތަކާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ޤައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެކަންވެސް ފާހަގަކުރައްވާފައެވެ.

"ކުރިއަށް އޮތް ލޯކަލް އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު. މި އިންތިޚާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިންތިޚާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު، އެތައް ގުނައަކުން އިތުރުވެގެންދިޔުން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ސިޔާސީ މަސްރަޙަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތް ގޮތުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. އެގޮތުން އެއިރު ލާމަރުކަޒީ ނިޒާމު އޮތީ، ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިޚްތިޔާރުތަކެއް ނެތި، މުޅިން ގަޑުބަޑުކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ރާއްޖެ މިހާރު މިއޮތީ އެ ޙާލަތަކު ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް. މިއަދު ކައުންސިލަރުންނަށް ޤާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިޚްތިޞާޞް ކަނޑައަޅައިފި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޚާއްޞަގޮތެއްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޞިއްހީ ދާއިރާގެ ޚިދުމަތްތައް ލާމަރުކަޒީކުރުމުގައި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ދަތިކަމުގައި ހޭދަވި އަހަރަކަށް ވުރެ ގިނަ ދުވަހުތެރޭގައި، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް ޢުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ތަރައްޤީކުރެވި އެތަންތަނުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޮންފަރެންސަކީ ލޯކަލް ޤަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ލޯކަލް ކައުންސިލްތަކާއި، ޔޫ.އެސް އެއިޑް އަދި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ކޮންފަރެންސްއެކެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން