ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް އަންނަ މަހު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަޞީމް މަޖިލީހަށް ޙާޒިރުކޮށް މެންބަރުން ސުވާލު ދެންނެވުމަށް ހުޅުވާލި ފުރުޞަތުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުުވާލަކަމަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ނަޞީމް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، 3،000 ސާމްޕަލް މިވަގުތުވެސް ނަތީޖާ ނުލިބި އެބަހުރިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑަށް ޓެސްޓްކުރެވޭނެ އިތުރު ވަޞީލަތްތައް އަންނަ މަހު ލިބޭނެކަމަށެވެ.

މިނިސްޓަރގެ ވާހަކައިގައި އަތޮޅުތަކުގައި ކޯވިޑް-19 ކޭސްތައް މިވަގުތު އެންމެ ގިނައީ ޅ. އަތޮޅުގައިކަން ފާހަގަކުރައްވާ ވިދާޅުވީ، ޅ. ފެލިވަރު ކްލަސްޓާގެ ކޭސްތައް އެހެން އަތޮޅުތަކުންވެސް މިހާރު ފެންނަމުންދާކަމަށެވެ. އެގޮތުން ނ. އަތޮޅާއި ށ. އަތޮޅު އަދި ބ. އަތޮޅުން ވެސް ކޭސްތަކެއް ފެނި ރިޕޯޓު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަންކަމުގައި ހަރަކާތްތެރިވާނެ ޚާއްޞަ ޓީމެއް ޅ. އަތޮޅަށް ފޮނުވައިގެން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ބުނެފައިވަނީ ފެލިވަރުން ނެގި 104 ސާމްޕަލްގެ ތެރެއިން 88 ސާމްޕަލެއްގެ ނަތީޖާ ލިބުނު އިރު އޭގެތެރެއިން 66 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށެވެ. ފެލިވަރުގެ ކްލަސްޓަރ މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެ އެކި ރަށްރަށަށް ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން