ސުއޭސް ކެނަލް ބަންދުކޮށްލި "އެވަރގިވަން" އާގު ބޯޓު ކެނަލްގެ ތެރެއިން ދަތުރުކުރީ ސްޕީޑް ލިމިޓަށްވުރެ ބާރަށްކަމަށް އޮފިޝަލުން ބުނެފިއެވެ.

ސުއޭސް ކެނަލްއަށް މިދިޔަ ހަފްތާގެ އަންގާރަދުވަހު ބީހުނު ބޮޑު އާގުބޯޓު ފުންކުރީ މިދިޔަ ހޯމަދުވަހުއެވެ. ކެނަލް ބަންދުވުމާއި ގުޅިގެން ދުނިޔޭގެ މެރިޓައިމް ޓްރޭޑަށް ވަރަށް ބޮޑު އަސަރެއްކުރިއެވެ. އަދި ބޯޓު ފުންކުރެވުނީ ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމާއެކުވެސްމެއެވެ.

ބޯޓު ބީހެން ދިމާވީ މޫސުން ގޯސްވެގެންކަމަށް ބުންޏަސް، އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫންކަމަށް ސުއޭސް ކެނަލްގެ އޮފިޝަލުން ބުނެއެވެ. ސުއޭސް ކެނަލްގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުން ސުއޭސް ކެނަލުން ބޯޓު ދަތުރުކޮށްފައިވަނީ ދަތުރުކުރަންޖެހޭ ދުވެއްޔަށް ވުރެ ބާރު މިނެއްގައެވެ. އެގޮތުން ކެނަލްގައި ދުއްވަން ޖެހޭ ސްޕީޑަކީ 7.6 އާއި 8.6 ނޮޓްސްއާ ދެމެދުއެވެ. ނަމަވެސް ބީހުނު ބޯޓު ދުއްވާފައި ވަނީ 13.5 ނޮޓްގައިކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ސްޕީޑްގައި ބޯޓު ދަތުރުކުރިއިރު ސުއޭސް ކެނަލްގެ އޮފިޝަލުން ބޯޓުގައި ތިބިކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ބޯޓު ބީހުނު ސަބަބާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެއްކިނަމަވެސް، މިކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ ތަހުގީގަކަށްފަހުއެވެ.

ބައިނަލްއަޤްވާމީ ވިޔާފާރީގައި މުހިއްމު ދައުރެއް އަދާކުރާ ސުއޭޒް ކެނަލްގެ ސަބަބުން އޭޝިޔާއާއި ޔޫރަޕާއި ދެމެދު ކުރާ ކަނޑުދަތުރުތަކުގެ ދިގުމިން ވަރަށް ބޮޑަށް ކުރުކޮށްދެއެވެ. ރަތް ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ 120 މޭލުގެ މި ކެނަލްއިން ދަތުރުކުރުމުން، ދަތުރުގެ ދިގުމިނުން 15 ދުވަސް މަދުވެގެންދެއެވެ. މި ކެނަލް ނެތްނަމަ ދުނިޔޭގެ އިރުމަތިން، ހުޅަނގު ޤައުމުތަކަށް ދަތުރުކުރާ ބޯޓުތަކަށް ޖެހޭނީ ދެކުނު އެޓްލާންޓިކް ކަނޑުން އެފްރިކާ ބައްރު ހުރަސްކުރުމަށްފަހު ޔޫރަޕަށް ދަތުރުކުރާށެވެ.

ސުއޭޒް ކެނަލްގެ ސަބަބުން ދަތުރުތަކުގެ ދިގުމިން ކުރުކޮށްދޭއިރު، އިންޓަނޭޝަނަލް މެރިޓައިމް ޓްރޭޑް ޓްރެވަލްގެ 10 އިންސައްތަ ދަތުރުކުރަނީ މި ކެނަލްއިންނެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކު ފަންސާހަކަށް ބޯޓު މި ކެނަލް ހުރަސްކުރެއެވެ. އަދި މިއީ މިސްރުގެ އިޤްތިޞާދަށްވެސް މަންފާތަކެއް ކުރާ ކެނަލްއެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ކެނަލްއިން ލިބުނު އާމްދަނީ 5 ބިލިއަން ޑޮލަރަށް އަރައެވެ. ސުއޭޒް ކެނަލް ބަންދުވުމާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ބައިނަލްއަޤްވާމީ ވިޔަފާރިއަށް 8 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން