ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި 31 މިލިއަން ރުފިޔާ ހޯދުމަށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ދިވެހި ސަރުކާރުން ނިއްމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލް ކުރުމަށް ނިއްމައި އެމައްސަލަ އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ވެއްދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ހުށައަޅާ އެ މައްސަލަ ހިންގާނީ ރާއްޖޭގައި ކަމަށް މަބުރޫކް ވިދާޅުވިއެވެ. ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމުގެ އިތުރުން އެތަކެތި ގަތުމުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ މައްސަލަތަށް ވަކި މީހަކަށް ބެލުމެއް ނެތި ސަރުކާރުން ތަހުގީގް ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަށް ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން ރާއްޖެއަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. މަބުރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތް ކޮށްގެން ވެސް ބާކީ 65 ވެންޓިލޭޓަރު ލިބިފައިނުވާ ކަމަށެވެ.

"މިހާރު މި އެދެނީ އެގްރިމެންޓާއި ހިލާފުވެފައިވާ ކަމަށް ދެކި މިކަމަށް ދެއްކުނު ފައިސާ އަނބުރާ ހޯދަން." މަބުރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި މައްސަލައިގައި ނިންމާ ގޮތް ތަންފީޒުކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން މަސައްކަތްކޮށްދޭނެ ކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަށް ހަރަދު ކުރެވުނު ފައިސާ ހޯދުމުގެ މަސައްކަތުގެ އިތުރުން، މި މައްސަލައިގައި "ކްރިމިނަލް އެލެމެންޓެއް" ހިމެނޭ ނަމަ، ޖިނާއީ ތަހުގީގެއް ކުރުމަށް ކުރެވޭ މަސައްކަތް ވެސް ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިކަމުގައި ޝާމިލުވެފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން