ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ރައީސް ޔާމީންގެ ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ޔޮޓް ޓުއާސް ކުންފުންޏަށް ރިސޯޓް ހެދުމަށްޓަކައި ބީނާފުށްޓާއި ކަނޑާލިފިނޮޅު 2013 ގައި ކުއްޔަށް ދިނުމަށް ފަހު 2016 ގައި ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ އެވެ. އެ މައްސަލަ ޔޮޓް ޓުއާޒް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި އޮތީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.

ހއ. ބީނާފުށި އެވެކިޔާ ރަށާއި، އަދި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު އެވެ ކިޔާ ސޭންޑް ބޭންކް ކުއްޔަށް ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރާއި ޔޮޓް ޓްއާރސްއާ ދެމެދު ސޮއި ކޮށްފައިވާ ލީސް އެގްރީމެންޓުގެ ދަށުން އަހަރީ ކުލީގެ ގޮތުގައި ކޮންމެ އަކަމީޓަރަކަށް 4.00 ޔޫއެސް ޑޮލަރުގެ ރޭޓުން ކުލި ދައްކަންޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެކަމަށް އެއްބަސްވުމުގައި ބުނެއެވެ.

އެ މައްސަލަ ޔޮޓް ޓުއާސް އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއްބަސްވުމުގެ ދަށުން ކުލި ދައްކަން ޖެހުމަކީ ދެފަރާތުގެ މެދުގައި ދެބަސްވުމެއް އޮތްކަމެއް ނޫންކަން އެނގެން އޮތްއިރު، ކުލި ދެއްކުމެއް ނެތި ޔޮޓް ޓްއާރސް އިން ދިޔައީ ތަން ބޭނުންކުރަމުންކަމަށެވެ. އަދި އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު ތަނުގެ މުޤާބިލުގައި ކުލީގެ އެއްވެސް މިންވަރެއް ދައްކާފައިނުވާތީ އެއްބަސްވުމުގެ 20 ވަނަ މާއްދާގެ އޭ ގެ ދަށުން ކަމަށާއި، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދެއްކުމަށް ޔޮޓް ޓުއަރޒް އިން އިޢުތިރާޟުކުރި މައިގަނޑު ސަބަބަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ތަންތަނުގެ ބިން ރަޖިސްޓަރީ ކުރުމާއި ހަމައަށް ޖޫރިމަނާ އަރާފައިވާތީ ކަމަށެވެ.

އެހެންނަމަވެސް އެއިޢުތިރާޟް ބިނާކުރި މައިގަނޑު އަސާސް އެއްބަސްވުން ބާޠިލްކުރި އިރު ނެތް ކަމަށާއި، އެއްބަސްވުމުން ބާޠިލް ކޮށްފައިވަނީ ކުލި ނުދައްކައިގެން ކަމަށްވާއިރު، ކުލި ނުދެއްކިވަނީ ކުއްޔަށް ފައިސާ ދެއްކޭނެ ގޮތެއް މިނިސްޓްރީ އޮފް ޓޫރިޒަމުން ހަމަޖައްސާފައި ނުވާތީ ބަލަންޖެހޭ ފަދަ ހުއްޖަތެއް މިމައްސަލާގައި ހުށަހެޅިފައި ނެތްކަމަށް ޙުކުމްގައި ވެއެވެ.

އެހެން ކަމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން