ދިރާގު
ދިރާގު
ސަރުކާރު ހިއްސާވާ މުވާސަލާތީ ކުންފުނި، ދިރާގުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ މެނޭޖަރަކަށް އިންޑިއާގެ ރައްޔިތަކު ހަމަޖެއްސީ އެ މަގާމަށް ކަމުދާ ނުވަތަ ފެންވަރު ހުރި ދިވެއްސަކު ނުލިބިގެންތޯ ބުނެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ދިރާގުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ރަޖަން ޝުރޭޝް ނަމަކަށް ކިޔާ އިންޑިޔާ ރައްޔިތެކެވެ. އޭނާ ދިރާގުގައި ވަޒީފާ އަދާކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގައި އައިޓީ ދާއިރާ އިން މަތީތައުލީމް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ދިވެހިން ތިއްބައި އެފަދަ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ނުދީ ދިރާގުގެ އެޗްއާރު މެނޭޖަރަކަށް އިންޑިޔާ މީހަކު ހަމަޖެއްސުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ދިރާގަށް ވަނީ އަމާޒުވެފައެވެ.

ރާއްޖޭގައި މޮބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ދިރާގަކީ ސަރުކާރާއި ރައްޔިތުންގެ އިތުރުން ބީޓީސީ އައިލެންޑް ލިމިޓެޑް ހިއްސާވާ ކުންފުންޏެކެވެ.

ދިރާގުން ދޭ އިންޓަރނެޓް ޚިދުމަތާއިމެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހެނީ ޚިދުމަތުގެ އަގުބޮޑުވުމާއި އެކި ނަންނަމުގައި ހަދައިގެން ވިއްކާ ޕެކޭޖުތައް ވާނުވާ ނޭނގި ހުސްވުމާއި އިންޓަރނެޓްގެ ސްޕީޑް ދަށްކަމުންނެވެ. ގިނަ ދިވެހިން ދިރާގު ސިފަކުރަނީ "ރައްޔިތުން ފެލާ" ކުންފުނީގެ ގޮތުގައެވެ.



ދިރާގުގެ އިތުރުން ވެލާނާ އެއަރޕޯރޓް ހިންގާ އެމްއޭސީއެލްގައި މަތީތައުލީމް ހާސިލްކޮށްގެން ތިބި ހުނަރުވެރި އިލްމީ ގާބިލް ދިވެހިންނަށް ފުރުސަތު ނުދީ ކުންފުނީގެ އިސް ބައެއް މަގާމުތަކަށްބިދޭސީން ހަމަޖައްސާފައިވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މީގެ އިތުރުން އެމްއޭސީއެލް ހިންގުމުގެ އެންމެ އިސްމަގާމަށް ވެސް ދާދިފަހުން ވަނީ ބިދޭސީއަކު އައްޔަންކޮށްފައެވެ. އެކަމާ ގުޅިގެންވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރާއްޖޭގެ ޕެމްޝަން އޮފީހުގެ އެންމެ އިސްމަގާމަށް ވެސް އެންމެ ފަހުން އިސްކޮށްފައި ވަނީ ބިދޭސީއެކެވެ. ނަމަވެސް އެއީ ވެސް އުފެދުނީއްސުރެ ދިވެހި ރައްޔިތަކު އިސްކޮށް ހުރެ ހިންގަމުން އައި އިދާރާއެކެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ދިވެހީންނަށް އަދާކުރެވޭ ވަޒީފާތަކަށް ބިދޭސީން ނުލުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން