އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 އޭޕްރީލު 2021 - 16:34
މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، އަތޮޅު ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަތޮޅު ކޮމްޕްލެއިންސް ބިއުރޯ ގާއިމްވުމުން އަތޮޅުތަކުގައި އިލެކްޝަނާއި ގުޅިގެން ހުންނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާ އެއަތޮޅެއްގެ ރަށްތަކުގައި އިންތިޚާބާއި ގުޅިގެން ދިމާވާ ހުރިހާ ޝަކުވާވާއެއް އެބިއުރޯއަށް ހުށައެޅުމުން އަތޮޅު ބިއުރޯއިން މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ. އަދި އަތޮޅު ބިއުރޯއިން ހައްލު ނުކުރެވޭ ޝަކުވާތައް މާލޭގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ހައްލު ހޯދޭނެކަމަށް އިލެކްޝަނުން ބުނެއެވެ.

އަތޮޅު ކޮމްޕްލެއިންސް ބިއުރޯގައި ތިން މެމްބަރުން ތިއްބަވާއިރު ކޮންމެ އަތޮޅެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމް ކުރުމުގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގައިވެސް ސިޓީ ކޮމްޕްލެއިންސް ބިއުރޯ ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި ޝަކުވާ ހުށަހަޅާނަމަ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅޭނެކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

އިއްޔެ ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފައެވެ.

މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފެށޭ ހަފުތާގައި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވުމަށް މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރަން ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަ ކުރާއިރު މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން