ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަންނީ ފަރާތްތަކަށް ޖާގައިގެ ގޮތުން ތަނަވަސް ފުލެޓްތަކަކަށް ކުރިމަތިލުމަށް ސަރުކާރުން ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުުވާލައިފައިވާ ކަމަށެވެ.



"ސަރުކާރުން މިހާރު ދަނީ އެ ފުރުޞަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން." މަބުރޫކް ވިދާޅުވިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގައި ހުރި ބައެއް ކެޓެގަރީތަކަކީ ތަންކޮޅެއް ފެންވަރު ރަނގަޅު ދިރިއުޅުމަށް އަތްފޯރާނެ ފަދަ މީހުންނަށް ހުޅުވާފައިވާ ކެޓެގަރީތަކެއް ކަމަށެވެ. އެ މީހުންނަށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ދީގެން، އެގޮތް ބޭނުންވެގެން ހިޔާ ފުލެޓް ދޫކޮށްލައިފިނަމަ އެތަންތަން ބޭނުން ޖެހިފައިވާ އެހެން މީހުންނަށް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެބަހުރި މާލީ ތަނަވަސްކަން ހުންނާނެ ކެޓަގަރީތައް، އަސްލު ޕްރޮފެޝަނަލް ބޭފުޅުން އެބަތިއްބެވި ދެތިން ކެޓަގަރީއެއްގެ ތެރޭގައި، އެބޭފުޅުންގެ ތެރޭގައި ތިއްބަވަފާނެ އަދި އާންމު ރައްޔިތުންގެ ތެރޭގައި ވެސް ތިބެދާނެ އެއަށްވުރެ ރަނގަޅު ބޯހިޔާވަހިކަމެއް އެއަށްވުރެ މަތީ އަގުގައި ހުރި ބޯހިޔާވަހިކަން ބޭނުންވާ ބޭފުޅުން ވެސް، އޭގެ މާނައަކީ އެބޭފުޅުން ބޭނުންވާ އެތި އެބައޮތޭ ތަންކޮޅެއް އަގު ބޮޑުކޮށް ނަމަވެސް ލިބެން، އެ ފުރުސަތު އަޅުގަނޑުމެން ދޭނަން." އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަންނީ ފަރާތްތަކުގެ ތެރޭގައި ޓީޗަރުންނާއި ޑޮކުޓަރުންނާއި ނަރުހުން ހިމެނެއެވެ.

ހިޔާ މަޝްރޫޢުން ފުލެޓް ލިބިފައިވާ ފަންނީ ފަރާތްތަކަށް އެއަށްވުރެ ތަނަވަސް އަގުބޮޑު ފްލެޓްތަކަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ކޮންތާކު އިމާރާތްކުރާ ކިހާ ފެންވަރެއްގެ ކޮންއިރަކު ނިމޭ ފްލެޓްތަކެއް ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން