ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނެވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހަޅާފައެވެ.

ސްކޫލަށް ދަރިވަރުން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރުވަރުން ބަދަލުކުރުމުގައި އަމަލުކުރާ އުސޫލަށް އެޗްއާރުސީއެމުން 7 އިސްލާހެއް ހުށަހަޅާފައި ވާއިރު އޭގެތެރޭގައި

ސިއްޙީ ހާލަތެއް ނުވަތަ އެނޫންވެސް ހާލަތަކާގުޅިގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ސްކޫލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021 ވަނަ އަހަރު އަމަލުކުރާނެ އުސޫލަށް، ކޮމިޝަނުން 7 އިސްލާހެއް ހުށަހަޅައިފައިވަނީ އިންސާނީ ހައްޤުތަކުގެ ނަޒަރުން މި އުސޫލު ރިވިއުކުރުމަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.

ގްރޭޑް 1 އަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް (އެފަދަ ކުދިންނަށް ވަކިން ތައުލީމު ދެވޭނެ އުސޫލެއް) ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އެކުދިންނަށް އުނގެނުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ތަފާތު ކުރުމެއްނެތި ފުރުސަތު ދިނުމަށް ވެސް އެޗްއާރްސީމުން ހުށައެޅި އިސްލާހުގައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތަޢުލީމު އުނގެނުމުގެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމާއި، މި އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާގުޅޭ މާއްދާއެއް އުސޫލުގައި ހިމެނުމަށް ވެސް ކޮމިޝަނުން ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން