ޒަހީނުއްދީން ސަޢީދު   1 އޭޕްރީލު 2021 - 19:29
މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ ކަމަށެވެ. އެގޮތުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ ފައިސާ ދޭ އިރު،ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް މިނިސްޓްރީން ނެރުނު ސާކިއުލާގައި އަންގާފައިވެއެވެ.

އަދި އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި، އެ ފައިސާ އަނބުރާ ޖަމާކުރަން ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަންފަށާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އިނާޔަތުގެ ފައިސާ ދިނުމަށާއި ރޯދަ މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ އެ މަހުގައި އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށް ވެސް ސަރކިއުލާ ބުނެފައިވެއެވެ.

ސަރކިއުލާގައި ބުނާގޮތުން ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، "ޑޭ ލީވް" (ސްކޮލަރޝިޕް

މުވައްޒަފުން) އަދި "ނޯޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާއެއް ނުލިބޭނެއެވެ. އެހެންނަމަވެސް މިފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ލިބޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން