މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް ޑަބްލިޔު އެސް ސީ ގެ ފެނާއި ނަރުދަމާ ޚިދުމަތަށް 26 އަހަރު މިއަދު ފުރޭއިރު، އެކުންފުންޏަކީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތަކުގެ އުމްރާނީ ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއްކުންފުންޏެވެ. ރައްޔިތުންގެ ދިރިއުޅުމުގައި ބޭނުންވާ އެންމެ ޒަރޫރީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސާފު ބޯފެނާއި ސިއްހީ ގޮތުން ރައްކާތެރި ނަރުދަމާގެ ނިޒާމުތައް ގާއިމު ކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީން ހޯދާފައިވާ ކާމިޔާބީ އަކީ ފާހަގަ ކޮށްލެވޭފަދަ ކާމީޔާބެކެވެ.

1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ވުޖޫދުވި މިކުންފުންޏަކީ މާލޭގެ އިތުރުވަމުންދިޔަ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ ނިޒާމެއް ތަނަވަސްކޮށް ދިނުމަށްޓަކައި ވުޖޫދަށް އައި މުއައްސަސާއެކެވެ. މިގޮތުން ފުރަތަމަ 60 ވަރަކަށް މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި އެމް.ޑަބްލިޔު.އެސް.ސީން މިހާރު ދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި އިންސާނީ ވަޞީލަތްތައް ބިނާކޮށް ކުރިއަރުވައި، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަކީ އެކުންފުނީގެ މައިގަނޑު އަމާޒެވެ.

     

އެމް.ޑަބްލިޔު.އެސްސީ ގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އެކުންފުނިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މިއަދު އެމް.ޑަބްލިޔު.އެސްސީ އަކީ ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންގއަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން އުފައްދާ އާރް، އޯ ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

 

         

އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތްތައް ތިމާވެއްޓާ ރައްޓެހިކުރުމަށް އެކުންފުނިން ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުން ވެސް ގެންދެއެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީން އިލެކްޓޯނިކް ޚިދުމަތް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މިއާއެކު އެމް.ޑަބްލިޔު.އެސް.ސީއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، އަދި ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

 

އެމް.ޑަބްލިޔު.އެސް.ސީ އަށް 26 އަހަރު ފުރިގެންދިޔައިރު މިހިނގާ 2021 ވަނަ އަހަރު އެކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ހިންގަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

2020 ވަނަ އަހަރަކީ މުޅިދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ އެކުންފުނިން އަންނަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީގެ ސީއެސްއާރުގެ ދަށުން ބޮޑެތި އެހީތައް ފޯރުކޮށްދީފައިވެ ވެސް ވެއެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެކުންފުނިން ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

          

އެމް.ޑަބްލިޔު.އެސް.ސީ ގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހުރިހާ މުވައްޒަފުންނާ ވާރޗުއްލަކޮށް ބައްދަލުކުރައްވައި މުޚާތަބު ކުރައްވާފައެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާރޗުއަލް ރަން" އެއްވެސް ދުވެފައެވެ.

           

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން