އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަހު ކަރަންޓީނުގައި އަދި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވޯޓުލެވޭނީ އެފޮއްޓަކަށް ވޯޓުލާން ގޮސްތިބި އެންމެން ވޯޓުލާ ނިމުމުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެދުވަހު ކަރަންޓީނުގައި އަދި ޕޮޒިޓިވްވެފައި ތިބި މީހުންނަށް ވެސް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެކަމަށެވެ.

ކަރަންޓީނުގައި އަދި ޕޮޒިޓިވްވެފައި ތިބި މީހުން އަމަލު ކުރަންޖެހޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައި އޮންނަ އުސޫލާ އެއްގޮތަށް ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ ފަރާތްތަކުން ވޯޓުލާން އަންނައިރު މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ކަންކަމަށް ސަމާލުވާންޖެހޭނެ ކަމަށެވެ.

އެފަރާތްތަކުން ވޯޓްލުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފައިވާއިރު މިއުސޫލުގައިވާ ގޮތުން އެދުވަހު ވޯޓުލާން އެފަދަ މީހުން އައުމަކީ އެމީހުންގެ އަމިއްލަކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމީހުންނަށް ވޯޓުލާން ދެވޭނީ އެމީހުން ވޯޓުލާން ދާން ބޭނުންވާކަން އޮފިޝަލުންނަށް އެންގުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކަރަންޓީނުގައި ހުންނަ މީހަކު ގުޅާފައި ބުނަންޖެހޭނީ ވޯޓުލާން ދާން ބޭނުމޭ. އެހެންވިއްޔާ އެމީހުން ވޯޓުލާ މަރުކަޒަށް އަންގާނެ މިވެނި ގެއަކުން ތިން މީހުން ވޯޓުލާ މަރުކަޒަށް އެބަދެއޭ. އެމީހުންނަށް ވޯޓުލުމަށް ކަނޑައަޅާފައި އިންނާނެ ގަޑިއަކީ އާންމު ގޮތެއްގައި 5 ގެ ފަހުން ބާކީ އިންނަ ގަޑީގައި. އޭގެ މާނައަކީ އާންމު ރައްޔިތުން ވޯޓުލާ ގަޑިތަކުގައި ކަރަންޓީނުގައި ތިބި މީހުންނާއި ޕޮޒިޓިވް މީހުންނަށް ވޯޓުލާކަށް ނުދެވޭނޭ." އީސީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޕޮޒިޓިވް މީހުންނާއި ކަރަންޓީންގައި ތިބި މީހުން ދިއުމުން ވޯޓުލާ މަރުކަޒުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބޭ އޮފިޝަލުން އެމީހުންނާ ހަވާލުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެމީހުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ނުލިބޭނެކަމަށެވެ. އެމީހުން ވޯޓުލާން އަންނައިރުގައި ކަރަންޓީނުގައި ނެތް އަދި ޕޮޒިޓިވް ހާލަތުގައި ނެތް މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންނަންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެމީހުން އިތުބާރު ކުރާ މީހަކު ގޮވައިގެން ގޮސް ދުރުގައި ހުރެފައި ވޯޓު ކަރުދާހާ ހަވާލުވާނީ ބަދަލުގައި އައި މީހާ. ބަދަލުގައި އައި އެމީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި އެމީހާއަށް ދައްކާފައި ވޯޓު ފޮއްޓަށް ވޯޓު ލާނީ." ޝަރީފް ވިދާޅުވިއެވެ.

ވޯޓުލާ ދުވަހު ކަރަންޓީނުގައި އޮންނަ ރަށްތަކުގައިވެސް ވޯޓުލުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އެދުވަހުގެ ހެނދުނު 7އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި ވޯޓު ނެގުން ބަންދުވާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން