ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ގައުމީ ޓީމުގެ ފޯވަޑް އަދި ކުލަބު ވެލެންސިއާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިއްމައިފިއެވެ.

އަޝްފާގު މުއިއްޒަށް ތާއިދުކުރަން ނިންމިކަން އިއުލާންކޮށްފައިވަނީ މިރޭ ސަސް ކެފޭގައި އޮތް އިވެންޓެއްގައެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި މާލޭގެ މޭޔަރު ކަމަށް އޭނާއަށް ތާއީދު ކުރަން ދަގަނޑޭ ނިއްމުމުން އޭނާ އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒަކީ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި ހައުސިން މަޝްރޫއު ތަކާއި އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއުތައް އަމަލީގޮތުން ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ނަމަވެސް މުޢިއްޒާއި ވާދަކުރަން މާލޭގެ މޭޔަރު ކަމަށް ކެންޑޭޓެއް ނެރެފައިވާ އެމްޑީޕީން ބުނަނީ މުއިއްޒުގެ ހައުސިންގ މިނިސްޓަރ ކަމުގައި މާލޭ ހަލާކު ކުރުން ނޫން ކަމެއް ނުކުރަށްވާ ކަމަށެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގައި ލިބިވަޑައިގަންނަވާ ފުރުސަތު ތަކުގައި ވެސް މުއިއްޒުގެ ނާގާބިލު ކަމުގެ ވާހަކަ ދައްކަވައި މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުން ގެންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވައި ކެމްޕޭން ކުރަށްވަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން