ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީއަށް ގެންނަ ތިން މެގަވޮޓްގެ ޖެނެރޭޓަރުތަކެއް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެސިޓީއަށް ގެނެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަރަދޫފޭދޫ، މަރަދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޓީސީސީން ނިންމާ ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އިތުރު ޖެނެރޭޓަރުތަކެއް ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. ކުރިއަށް އޮތީ ރޯދަ މަހާއި ހޫނު މޫސުން ކަމަށްވާއިރު، އައްޑޫގެ ކަރަންޓުގެ ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އޮތުމާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ގޮތުން އައްޑޫ ސިޓީއަށް ގެންނަ ޖެނަރޭޓަރުތައް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިވަގުތު އެ ޖެންސެޓުތައް ވީ އައްޑޫ އަށް އައުމަށްޓަކާ ކަނޑުމަތީގައި." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން މިޖެނެރޭޓަރު ތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ސަރުކާރުގެ މި ދައުރުގެ ތެރޭގައި އައްޑޫގެ އިންޖީނުގެއާއި ނެޓްވޯކުތަކަށް ޒަމާނީ ބަދަލުތަކެއް ގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސައީދު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން