އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އިންތިޚާބެއްގައި ހަރަކާތްތެރިވަނީ
އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އިންތިޚާބެއްގައި ހަރަކާތްތެރިވަނީ
ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައި އޮތް ނަމަވެސް އެރަށްރަށުގެ އިންތިޚާބު ފަސް ނުކުރެވޭނެ ކަމަށާއި، އެރަށްރަށުގައި އިންތިޚާބު ބޭއްވުމަކީ ކޮމިޝަނަށް މަޖުބޫރު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި ގުޅިގެން އެކޮމިޝަނުން ރާއްޖޭގެ ރަށްތަކުގެ ހާލަތު ވަރަށް ގާތުން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތު ގޯސް ރަށްރަށައް ފޮނުވާ އޮފިޝަލުން ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުވާން ޖެހިއްޖެނަމަ އެ ރަށްރަށައް އިތުރު އޮފިޝަލުން ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ކޮވިޑް ވަރަށް ބޮޑަށް ފެތުރި ހާލަތު ގޯސްވަމުންދިޔަ ނަމަވެސް އެރަށްރަށުގެ އިންތިޚާބު ފަސްނުކުރެވޭނެ ކަމަށާއި، އެ ރަށްރަށުގައި ވެސް އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.



"އަޅުގަނޑުމެންނަށް ކޮވިޑްގެ ނުރައްކާ ބޮޑުކަމުންނޭ ކިޔާ ބަހައްޓާފައި އެއް ރަށެއްގެ އިންތިޚާބު ހުއްޓައެއް ނުލެވޭނެ، އެއީ އޮތް ފުރުސަތެއް ނޫން. މިސާލަކަށް ޅ.ހިންނަވަރުގައި ނޫނީ ނައިފަރުގައި އިންތިޚާބު ބޭއްވޭނެ ހާލަތެއް ނެތޭ ކިޔާފައި ހުއްޓާލާފިއްޔާ އެ ރަށްރަށުގެ ވޯޓް ނަތީޖާއަށް އަސަރު ކުރާނެ ފަދަ ހާލަތެއް އަންނާނެ. އެއް ރަށެއް ދޫކޮށްލެވިއްޖެއްޔާ މިސާލަކަށް އަތޮޅު ކައުންސިލްގެ ރައީސް ހޮވަން އެ އަތޮޅު ހުރިހާ ރަށަކުން ވޯޓް ދޭނެ." ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވީހާވެސް ހެނދުނާ ނުކުމެ ވޯޓްލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އެދުވަހުގެ ހެނދުނު 7:00 އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުގައި ތިބި މީހުން ވޯޓްލުމަށް ހަމަޖެހިފައިވަނީ އެންމެން ވޯޓްލާ ނިމުމުން ހަވީރު 5:00 އިން 6:00 އަށެވެ. އެފަދަ މީހުންނަށް ވޯޓު ލެވޭނީ އެހީތެރިއަކާއެކު ގޮސް އޭނާގެ އެހީގައި ކަމަށް ޚާއްޞަ އުސޫލުގައި ބުނެއެވެ. ވޯޓު ނެގުން ބަންދުވާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން