މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ބީއެމްއެލްގެ ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ބެންކުގެ ބޯޑުން ނިންމާފައިވާއިރު، އެއީ 80.7 މިލިއަން ރުފިޔާއެވެ. ބީއެމްއެލްގެ ބޯޑުން ހިއްސާއަކަށް ބަހާނެ މިންވަރު ކަނޑައެޅިނަމަވެސް، މި ނިންމުން ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ފާސްކުރަންޖެހޭނެއެވެ.

2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ބީއެމްއެލްގެ ބޯޑުން ފާސްކޮށްފައިވާއިރު، 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ވަނީ 26 ރުފިޔާ ބަހާފައެވެ.

ބީއެމްއެލްއިން ބުނީ ކޯވިޑް-19ގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ވަނީ އަސަރުކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޯވިޑް-19ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފައިކަމަށެވެ.

"މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އަޅުގަނޑުމެންވެސް ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް. މި ދަތި އުދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށްކަމަށެވެ. އަދި ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން