ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ރާއްޖޭގައި މިއަދު ދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 2 ވަނަ ޑޯޒް ދެނީ މިދިޔަ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. އަދި މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކުން ދެވަނަ ޑޯޒް ޖަހަމުންދާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަންދާއިރު ވެކްސިން ކާޑުގެ އިތުރުން، އައި.ޑީ ކާޑް، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ވެކްސިން ޖަހަންދާއިރު ހުންއައިސް، ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި އަދި ކޯވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތެއް ނަމަ ވެކްސިން ނުދެވޭނެކަމަށްވެސް ބުނެފައި ވެއެވެ.

ފެބްރުއަރީމަހު ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ސިނޯފާމްއާއި ފައިޒާ ވެކްސިން ދިނުމުގެ ހުއްދަވެސް ރާއްޖޭގައި ވަނީ ދީފައެވެ. އެގޮތުން ސިނޯފާމް ވެކްސިން މިހާރު ދޭން ވެސް ވަނީ ފަށާފައެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.

މިހާތަނަށް ރާއްޖޭގެ ދެލައްކަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދިފާޢު ފުރިހަމަ ވާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ކޯވިޑް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކޮވިޑްގެ ދިފާޢީ ވެކްސިން ޖެހުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ބަލި ޖެހުމުން ބޮޑުވަރު ނުވެ ބަލީގައި އެނދުމަތިކޮށް ފުރާނައަށް ގެއްލުންވާ ވަރަށް ގޯސްވެގެން ނުދިއުމެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ދޭން ފެށުމުން ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަނީ ސަތޭކައިން ދަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން