އިބްރާހީމް އިސްމާޢީލް (އިބުރާ)
އިބްރާހީމް އިސްމާޢީލް (އިބުރާ)
ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރަން ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވުމުން، ޤާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެއްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިބްރާހިމް އިސްމާއީލް މިހެން ވިދާޅުވީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އިބުރާ ވިދާޅުވީ ދައުލަތް ހިންގަންވީ ގޮތް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އެއީ ރައްޔިތުން ކަނޑަައެޅިގޮތްކަމަށާއި، ވެރިކަން ހިންގުމަށް ބަޔަކާއި ހަވާލު ކުރެވެނީ ޤާނޫނު އަސާސީގައި ވާގޮތަށްކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ނުކުރެވުމުން ޤާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީއަކީ ދައުލަތް ހިންގަންވީ އުސޫލުތައް ބަޔާން ކުރުމަށް ރައްޔިތުން ކަނޑައެޅިގޮތެވެ. އެއަށްފަހު އޭގައިވާ ގޮތަށް ދައުލަތް ހިންގުމަށް ރައްޔިތުން އިންތިޚާބު ކުރާ ބަޔަކާއި ހަވާލުކުރަނީއެވެ. އެމީހުންނަށް އެކަން ނުވީމާ އެމީހުންނަށް ކުރެވޭނެ ގޮތެއް ގާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެކެވެ." އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިބުރާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް އެވާހަކަ އެގޮތަށް ދައްކަވަމުންނެވެ. އެމްޑީޕީގެ އެންމެ އިސް ސަަފުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ މިއީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވީވަގުތުކަމަށް ވިދާޅުވެ އެކަމަށް ވަކާލާތު ވެސް ކުރައްވަމުންނެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަމުންދަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅިގެންދާ މަންޒަރު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތަށް މީހުން ބުނަމުންދަނީ ސަރުކާރުގެ ތެރެއިން ކުރަން ދަތިވާ ކަންކަމާއި ސަރުކާރުގެ އެކި ކަންކަމާއި ގުޅިގެން އާންމު ރައްޔިތުންގެ ހުންނަ ޝަކުވާތަކާއި މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ގޮތަށް ބަދަލުކޮށް ސީދާ މަޖިލީހުން އެ ޝަކުވަތަކާއި މައްސަލަތައް ބެލުންފަދަ ކަންކަން މަޖިލިސް ތެރެއިން ފެންނަމުން ދާތީ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން