އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތާއި ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މީދޫގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސ. މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަރސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޝިފާޒު އަލީ، އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ހުޅުދޫ ދާއިރާގެ މެމްބަރާއި، އައްޑޫ ސިޓީގެ މޭޔަރއާއި، އެމްޓީސީސީގެ އިސްވެރިންގެ އިތުރުން، އެމްޕީއެލްގެ ސީއީއޯ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 848،1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.



މީގެއިތުރުން، ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުވެސަ މިއަދު ބާއްވައިފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމީދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީއާއި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒު އަލީ އާއި އައްޑޫ ސިޓީގެ މޭޔަރއާއި، އެމްޕީއެލްގެ ސީއީއޯ ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކުރެވިގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެއްކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

އަދި މި މަސައްކަތުގެ ދަށުން، 380،471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 788،1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން