އަހުމަދު މަސްނޫމް   3 އޭޕްރީލު 2021 - 21:57
ރޭޕްގެ މައްސަލައަކާއި ގުޅިގެން ހަމަނުޖެހުނުޖެހުން ހިންގައިގެން ކަމަށް ބުނެ ރ. މަޑުއްވަރީން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އުނގޫފާރު ކޯޓަށް ޙާޒިރުކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެމީހުން ދޫކޮށްލާފައިވާއިރު، ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުން ފުރަތަމަ ފަހަރަށް މިދިޔަމަހުގެ 27 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 10 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ ބަންދަށް 7 ދުވަސްޖެހިއިރު، އެކަކުގެ ބަންދަށް ވަނީ 3 ދުވަސް ޖަހާފައެވެ.

މަޑުއްވަރީގައި ހިނގި ރޭޕް ކޭސްގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުުހުން ބުނަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އުތުރުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލަ ތަހުޤީޤް ކުރަމުންދާކަމަށާއި ނަމަވެސް މި މައްސަލައިގައި ވަކި މީހެއްގެ މައްޗަށް ތުޙުމަތުކުރެވޭ ހެކި މިހާތަނަށް ތަޙުޤީގަށް ލިބިފައިނުވާ ކަމަށް މީގެކުރިން ފުލުހުން ބުނެފައިވެއެވެ.

މަޑުއްވަރީ ރޭޕް ކޭސްގެ މައްސަލަ ފުލުހުންގެ އިތުރުން، ދައުލަތުގެ އެހެން އިދާރާތަކުންވެސް ދަނީ ބަލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީޙުންވެސް ދަނީ އެމައްސަލަ ބަލަމުންނެވެ.

އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގައި ޓީޗަރަކާއި ޒިންމާދާރު ބަޔަކު ބައިވެރިވާ ކަމަށް ކުއްޖާގެ ބެލެނިވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކާއި މީސް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. މިމައްސަލައިގައި ގިނަ ބަޔަކު ކަމާބެހޭ އިދާރާ ތަކަށް ފާޑުކިޔަމުންދާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މިމައްސަލައިގައި އަޑުއުފުލާ މުޒާހަރާވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް