ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ ކަމަށާ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަށް އިދިކޮޅަށްވެސް ދައުވަތު ލިބެންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ އިސްބޭފުޅުން ސަރުކާރުގެ މަޝްރޫޢުތައް އިފްތިތާހް ކުރުމަށް ރަށްރަށަށް ގޮސް ކެމްޕެއިން ކުރަމުންދާތީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. މަލީހު ވިދާޅުވީ ދައުލަތުގެ ފައިސާއިން، ރައްްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކުގައި ބައިވެރި ވުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށްވެސް ލިބެންޖެހޭނެ ކަމަށާ އިންތިހާބަށް ކެމްޕެއިން ކުރަން ދައުލަތުގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ވެރިކަންކުރާ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ކުރުވާ ޕާޓީ ހިންގަން ލާރި ދެނީ ދައުލަތުން. ޓެކްސް ޕޭޔަރުން. އިންތިޚާބަށް ކެމްޕެއިން ކުރަން ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ. ދައުލަތުން ޚަރަދުކުރާ ތަރައްޤީގެ މަޝްރޫޢުތަކަށް އިދިކޮޅަށްވެސް ދައުވަތު ލިބެންޖެހޭ." މަލީހު ވިދާޅުވިއެވެ.

އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ އެތައް މަޝްރޫއެއް ކުއްލިއަކަށް އުފަންވެފައިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށާ ނަމަވެސް އެމްޑީޕީން ކެމްޕެއިން ކުރުމަށް ރަށްރަށުގައި އެކި މަޝްރޫޢުތައް އިފްތިތާހު ކުރުމުގެ ނަމުގައި ރަށްރަށަށް ދަތުރު ކުރަމުންދާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތި ކުރަމުންނެވެ. އެމްޑީޕީ އިދިކޮޅުގައި އޮތް އިރު އެންމެ ބޮޑަށް ޝަކުވާކޮށް ފާޑުކިޔަފައިވާ އެއް ކަމަކީ އޭރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ ޝަކުވާއެވެ. އަދި އިންތިޚާބާ ދިމާކޮށް ބޮޑެތި މަޝްރޫޢުތަކުގެ ބިންގާ އެޅުމާއި ނިމުން ފާހަގަކުރުން ފަދަ ކަންކަން ކުރަމުންދާ މައްސަލައިގައި ކުރިން އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެއް ބަޔަކީ އެމްޑީޕީކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން