ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ އެކޮމިޝަނުން ތަހުގީގް ކުރަމުންދަނީ ޤާޟީ ހަސަން ސައީދު ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމާއި ހަވާލުވެ ހުންނެވިއިރު 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ. ކޮމިޝަނުން އޭނާގެ މައްސަލަ ތަހުގީގް ކުރުމަށް ނިންމައި މިހާރު ވަނީ ތަހުގީގް ޓީމެއްވެސް އެކުލަވާލާފައެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއް ތަހުގީގްކޮށްފައެވެ. ކުރިން ހަސަން ސައީދާ ދެކޮޅަށް ތަހުގީގު ކުރި މައްސަލަ އަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ވިދާޅުވެ ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނެ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރެއްވި މައްސަލައިގައި ވެސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ޤާޟީ ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި ގާޒީ ހަސަން ސައީދުގެ މައްޗަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް