ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރު ސޮއި އަނބުރާ ގެންދެވުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީން ފަށައިފިއެވެ.

މަޖިލީހަށް ހުށައަޅާފައިވާ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މައްސަލަ ހުށަހެޅުއްވިއިރު، އެ މައްސަލާގައި ސޮއިކުރެއްވުމަށްފަހު ޖާބިރު ސޮއި އަނބުރާ ގެންދެވުމުން އެކަމުގައި ގޮތެއް ނިންމަވަން އެމަނިކުފާނަށް ދަތިފުޅުވާ ކަމަށާ މެންބަރަކު ކަމެއް ކުރެއްވުމަށްފަހު އެކަމަކުން ވަކިވެވަޑައިގަތުމަކީ މެންބަރުންނަށް ލިބިވަޑައިގެންފައި އޮންނަ ޙައްޤެއް ކަމަށެވެ. ނަމަވެސް އެތައް މެންބަރުންނާއެކު ބައިވެރިވަޑައިގެން ކުރައްވަންޖެހޭ ކަމެއް ކުރެއްވުމަށްފަހު، އެތައް ވަގުތެއް ހޭދަވުމަށްފަހު އެކަމަކުން ދުރުވެވަޑައިގެންނެވިދާނެތޯ ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.



އެތައް މެންބަރުންނެއް ބައިވެރިވެވަޑައިގެން ކުރައްވަން ޖެހޭ ކަމެއް ކުރެއްވުމަށްފަހު އެކަމުން ދުރުވެވަޑައިގަތުމުން، ދެން އެކަމުގައި އަމަލުކުރަންޖެހޭ އުސޫލެއް ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާންޖެހޭ ކަަމަށާ އެހެންކަމުން އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވަން އެމަނިކުފާނު މިއަދު ނިންމެވިއެވެ.

ޖާބިރުގެ ސޮއި އަނބުރާ ގެންދަވާފައިވަނީ ޒަހާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުން ޒަހާއަށް ނޯޓިސްވެސް ފޮނުވާފައިވަނިކޮށެވެ. ޖާބިރު ވިދާޅުވެފައިވަނީ ސޮއި އަނބުރާ ގެންދެވީ ކުރިން އޮތް ހާލަތު ބަދަލުވެ ޒަހާއަށް އަލުން އިތުބާރު ކުރެއްވުނީމާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން