ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް އިންޑަސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 307543 އަށް އަރާފައެވެ. ވަކި ވަކި މަސްތަކަށް ބަލާއިރު ޖަނަވަރީމަހު 92103 ފަތުރުވެރިން، ފެބްރުއަރީމަހު 96882 ފަތުރުވެރިން އަދި މާރޗްމަހު 109585 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ ފުރަތަމަ 3 ދުވަހު ރާއްޖެއަށް 8973 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިމަހުގެ މިހާތަނަށް ވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެއީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 23.4 އިންސައްތަ އެވެ. އެއަށްފަހު ރަޝިއާ އާއި ޔޫކްރެއިންއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. ކޮވިޑާ ގުޅިގެން ވިޔަފާރި ހުއްޓުމުން ބަންދުކުރި ގިނަ ރިސޯޓް ތަކާއި ހޮޓާތައް މިހާރުވަނީ ޚިދުމަތަށް ހުޅުވާލާފައެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ 1.5 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ގެނައުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން