ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ އެއާ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލައިގައި ދައުލަތުން ދައްކާ ވާހަކަތަކުގައި އެއްވެސް އަގެއް ނެތްކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވިލާ އެއާއަށް ނޮވެމްބަރު، 2013 ގައި ސަރުކާރުން ދޫކުރި ކާޑެއްދޫ އެއާޕޯޓް، ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ގޮތަށް އެއާޕޯޓް ހިިންގާ ކަމަށްބުނެ 2017 ގައި ސަރުކާރުން ވަނީ އެއާޕޯޓް އަތުުލާފައެވެ. އެ މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވަނީ، އެއާ ޕޯޓް އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި އެހެންވެ، އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ހުކުމްކޮށްފައެވެ. އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.

ސްޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ އެއާޕޯޓް ހިންގަން ޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިޔަސް، އޭގެ ހަތަރު އަހަރު ފަހުން 2017 ގައި އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ވެސް ވިލާ އެއާ އިން އެކަންކަން ފުރިހަމަ ނުކުރާ ކަމަށެވެ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރީ ވަގުތީ ލައިސަންސެއް ކަމަށާއި އެއްގޮތަށް އަމަލުކުރީ ވެސް މިންގަނޑުތަކަށް އެތަން ނުފެތޭތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންވެ، އެ ހާލަތުގައި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެއާޕޯޓް ހުއްޓާލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭރު އަންގާފައި ނެތީ އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރު އެއްކޮށް ހުއްޓިގެންދިޔަ ނުދިނުމަށްކަން ފާހަގަކޮށް ދައުލަތުން ބުނީ އަދި އެއާޕޯޓް ހުއްޓާލަން އަންގާފައި ނެތުމަކީ މިންގަނޑުތަކަށް އެތަން ފެތޭ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.

ދައުލަތުގެ ވާހަކަ ތަކަށް ރައްދު ދެއްވަމުން ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ ދަތުރުތައް ހުއްޓިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް ބުނެ، ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތޭ އެއާޕޯޓެއް ހިންގަން އެ އޮތޯރިޓީން ހުއްދަ ނުދޭނެ ކަމަށެވެ. އަދި ވިލާ އެއާ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލިތާ އެތައް އަހަރެއް ވީއިރު، މިހާރު ވެސް އެތަން އޮތީ ކުރިން އޮތް ހާލަތުގައި ކަމަށާއި ދައުލަތުން ދައްކާ ވާހަކަތަކުގައި އެއްވެސް އަގެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުގައި ނެތަސް، އެއާޕޯޓް ރަނގަޅު ކުރަން ސްޓްރަކްޗަރަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ގެނައި ބަދަލެއް ނެތް އިނގޭތޯ." ގާސިމް ވިދާޅުވި އެވެ.

ވިލާ އެއާ އިން ބުނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ފެތޭތޯ ނުވަތަ ނޫންތޯ ނިންމޭނީ އެ އޮތޯރިޓީއަށް އެކަނި ކަމަށާއި އެކަމަކު އެއާޕޯޓް ހުއްޓާލަން އެއްވެސް އިރަކު އަންގާފައި ނެތް ކަމަށެވެ. އަދި ރަނގަޅު ކުރަން އަންގާފައިވަނީ އާންމު އުސޫލުން ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އެއީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ޚިލާފު ކަންތައްތަކެއް ނަމަ، އެއާޕޯޓް ހުއްޓާލަން ނުވަތަ ސަސްޕެންޑް ކުރަން އަންގާފައި އޮންނާނެ ކަމަށް ވިލާ އެއާއިން ވަނީ ބުނެފައެވެ.

ވިލާ އެއާއިން ބުނީ މިންގަނޑުތަކާ ޚިލާފްވި ކަމަށް ބުނެ ދައުލަތުން ދައްކާ އެއް ސަބަބަކީ އެއާޕޯޓުގެ ފެންސުގެ 15 ޕަސެންޓް ފުރިހަމަ ނުވެ އޮތުން ކަމަށެވެ. އެކަމަކު ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަން ފުރިހަމަ ކުރަން އޮތީ މުއްދަތު ދީފައި ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެއްބަސްވުން އޮތްގޮތުން އެއްބަސްވުމާ ޚިލާފަށް ވިލާ އެއާއިން އަމަލު ކުރާ ނަމަ، އެކަން ސަރުކާރުން އެ ކުންފުނީގެ ސަމާލު ކަމަށް ގެންނަން ޖެހޭއިރު އެކަން ސަރުކާރުން ކޮށްފައިނުވުމުން އެ ކުންފުނިން އަމަލުކުރީ ރަނގަޅަށް ކަން ހާމަވާ ކަމަށް ވިލާ އެއާއިން ވަނީ ބުނެފައެވެ.

އެކަން ކަމަށް ރިއާޔަތްކޮށް ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށް ވިލާއިން ވަނީ ސްޕްރީމް ކޯޓްގައި އެދިފައެވެ. އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން މިއަދު ވަނީ އިއުލާންކޮށްފައެވެ. އެހެން ނަމަވެސް ހުކުމް ކުރާނެ ދުވަހެއް ކޯޓުން ހާމައެއް ނުކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން