ސިއްހީ ހާއްސަ ހާލަތެއްގައި ތިބި ކުޑަކުދިންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ނިންމައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވަކި ބަލި ޙާލަތްތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފައިޒާ ވެކްސިން ދިނުމަށް ނިންމާފައި ވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިންނާއި ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިންނާއި ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިންނަށް ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިންގެ ގޮތުގައި ހިމެނޭ ކުދިންނަކީ ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރާ ކުދިން) އާއި ހަކުރުބަލީގެ ކުދިންނާއި ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި ސިސްޓިކް ފައިބްރޯސިސް، ބްރޮންކްއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިންނާއި އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަ (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ) ކުދިން ކަމަށެވެ.

މި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ފައިޒަރ ވެކްސިން ލިބިގަތުމަށްޓަކައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން