އެޗްއެސްބީސީން ސަރުކާރަށް ދިން 25 މިލިއަން ޑޮލަރުގެ ލޯނާއި ގުޅޭގޮތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ޝަހީދު ސުވާލުތަކެއް އުފައްދަވައިފިއެވެ.

އެސްޓީއޯ މެދުވެރިކޮށް އެޗްއެސްބީސީން ސަރުކާރަށް 25 މިލިއަން ޑޮލަރު ނުވަތަ 385.5 މިލިއަން ރުފިޔާގެ ލޯނެއް ލިބިފައިވާކަން އެސްޓީއޯއިން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެސްޓީއޯއިން މި ލޯނާއި ބެހޭގޮތުން މީސްމީޑިއާގައި ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ހާމަކުރީ އެސްޓީއޯއިން ކާޑުގެ ބާވަތްތައް ގަތުމަށް ސަރުކާރުން ސޮވެރިންގ ގެރެންޓީ ދީގެން ލޯނު ނަގާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާން ފެށުމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެސްޓީއޯއިން ލޯނު ނަގައިގެން ކާޑު ގަންނަ ހިސާބަށްދިޔައީ މިހާރު އެސްޓީއޯ ހިންގެވުމާއި ހަވާލުވެ ހުންނެވި ހުސެން އަމްރުގެ ނާގާބިލު ކަމުން ކަމަށެވެ.

މިލޯނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ޚާއްސަ ރެޕަޓުއަރ އަހުމަދު ޝަހީދު ވަނީ މިލޯނުގެ އަޑީގައިވާ ސިއްރަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން ސަރުކާރުގެ އިސްރާފު ބޮޑުކަމުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނެއްވެސް ނުލިބެނީތޯވެސް ޝަހީދު ސުވާލު ކުރަށްވާފައިވެއެވެ. އަދި އެފަދަ ބޭކްކަކުން ސަރުކަރަށް ކޮމާޝަލް ލޯނެއްވެސް ނުލިބުނީތޯއާއި، އެޗްއެސްބީސީން ލޯނު ނެގީ ކޮންއެއްޗެއް ރަހުނުކޮށްފައިތޯވެސް ޝަހީދު އައްސަވާފައިވެއެވެ.



އެސްޓީއޯ އިން ބުނީ އެޗްއެސްބީސީން ދިން ލޯނަކީ މިދިޔަ ފެބްރުއަރީމަހު ލިބުނު ލޯނެއްކަމަށާއި އެއީ ކޯވިޑުން އަރައިގަތުމަށް އެހީވުމަށް ހޯދި ލޯނެއްކަމަށެވެ. މިލޯނުގެ ތަފްސީލް ހާމަކޮށްފައިނުވާއިރު، މި ލޯނު އަނބުރާ އެޗްއެސްބީސީއަށް ދައްކަން ޖެހެނީ 3 އަހަރުގެ ތެރޭގައެވެ.

ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނިމިދިޔަ ދައުރަށްވުރެ މިދިޔަ 2 އަހަރު ނެގި ލޯނުތައް އިތުރުކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާުރުން ބުނަމުންދަނީ ލޯނު ނަގާ މިންވަރު އިތުރު ނޫންކަމަށެވެ. އަދި ނަގާ ލޯނުތަކުން ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ.



ކޯވިޑް ސަބަބުން ރާއްޖާގެ އިގްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބައިނަލްއަގުވާމީ އެކި އިދާރާތަކުން 62 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 956 މިލިއަން ރުފިޔާގެ ލޯނު ވަނީ ސަރުކާރުން ހޯދާފައެވެ. ނަމަވެސް އެސްޓީއޯގެ ހިންގުން މިހާރު ވަރަށް ބޮޑަށް ދޯދިޔާ ވެފައިވާތީ މި ލޯނުތަކުގެ ބުރަ ސަރުކާރަށް ވަރަށް ބޮޑުވާނެ ކަމަށް އިދިކޮޅުފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން