ކޯވިޑާއި ގުޅިގެން ޅ. އަތޮޅަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގެ އަޣުލަބިއްޔަތުން ވަނީ މިމައްސަލައަށް ބަހުސްކުރުމަށް ފާސްކޮށްފައެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ އިސްދައުރެއް އަދާކުރާ ޅ. ފެލިވަރުން ކޯވިޑް-19ގެ ކޭސްތަކެއްފެނި، މުވައްޒަފުންގެ ތެރެއިން ގިނަބަޔަކު ހުންއައިސް ބަލިވަމުން ދިޔަކަން ފެލިވަރުގެ މެނޭޖުމެންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކޮށް އެކަމާގުޅޭ މައުލޫމާތު މެނޭޖުމެންޓުގެ ފަރާތުން ސިއްރުކޮށްފައިވާކަމަށެވެ. އަދި އެކަން ސިއްރުކޮށްގެން އުޅެނިކޮށް އަތޮޅުގެ އެހެން ރަށްރަށަށް ކޮވިޑް ފެތުރުނުކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ދޭ ޚާއްސަ ހުއްދައިގެ ދަށުން މާލެއިން އެކި ޓީމްތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކި ރަށްރަށަށްވެސް ދަތުރުކުރުމުގެ ސަބަބުން މުޅި އަތޮޅަށް ކޯވިޑް ފެތުރުމުގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށެވެ. އަދި ފެލިވަރުގެ އިތުރުން ނައިފަރާއި ހިންނަވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ޙާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމަކާއި ބިރުވެރިކަމެއް ކުރިމަތިވެފައިވާކަންވެސް ޝިޔާމްގެ މައްސަލައިގައި ފާހަގަކުރަށްފައިވެއެވެ.

ޝިޔާމްގެ މައްސަލައިގައި ޅ. އަތޮޅު ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ ނިޒާމެއް ޤާއިމްވެފައި ނެތުމާއި، ސާމްޕަލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރު ކުރަންޖެހުމާއި، ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ ޢަދަދެއްގެ ގެތަކެއް މޮނިޓަރިންއަށްލަމުން ދިއުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓިފައިވާކަން ފާހަގަކުރަށްވާފައިވެއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢަމަލުކުރަމުންދާ ގައިޑްލައިނަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެންމެ އެކަށޭނަ ގައިޑްލައިނެއް ނޫންކަމާއި އޭގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ޓީމަށް މެނޭޖް ކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން މިޙާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް މި ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްވެސް މިމައްސަލައިގައި ގޮވާލައްވާފައިވެއެވެ. އަދި ރައްޔިތުން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ މަޑުޖައްސާލަ ދިނުމަށާއި، ކަރަންޓު ބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވައި، ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިމައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

އެޗްޕީއޭގެ މައުލޫމާތުތަކަށް ބަލާލާއިރު ފާދިއްޕޮޅުން މިހާތަނަށް ކޯވިޑް-19ގެ އެކްޓިވް ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ ޅ. ފެލިވަރުންނެވެ. އެ ރަށުން މިހާތަނަށް 347 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 550 ފަރާތެއް ދެނެގަނެވިފައިވެއެވެ. އަދި އެ ރަށުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ މިހާތަނަށް 750 ސާމްޕަލެއް ނަގާފައިވެއެވެ. ދެން އެންމެ ގިނައިން ފެނިފައިވަނީ ޅ. ނައިފަރުންނެވެ. އެރަށުން މިހާތަނަށް 179 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 245 ފަރާތެއް ދެނެގަނެވިފައިވެއެވެ. އަދި މި ބަލި ދެނެގަތުމަށް ނައިފަރުން މިހާތަނަށް 1260 ސާމްޕަލެއް ވަނީ ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން