ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު
ވެރިކަން ކުރާ ބާރުގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ކަހާލާފައިވާ ކަމަށާއި، އެ ބާރުތަށް ވަކިކޮށް ރާއްޖޭގެ ޑިމޮކްރަސީ އަލުން އިއާދަކުރަން ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށް ކުރީގެ ރައީސް، ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ރައީސް ޑރ. މުހަންމަދު ވަހީދު ވިދާޅުވީ، ވެރިކަންކުރާ ބާރުގެ ތެރެއަށް ހުރިހާ ބާރުތަކެއް ކަހާލާފައިވާ ކަމަށާއި، ތިންބާރު ވަކިކުރުމުގެ ވާހަކައަކީ މިހާރު އެއްވެސް މާނައެއްހުރި ވާހަކައެއް ނޫންކަމަށެވެ. ވެރިކަންކުރާ ބާރުގެ ތެރެއަށް ބާރުތަށް ކަހާލީ ރައްޔިތުން އެފުރުސަތު ދިނުމުން ކަމަށާއި، އެގޮތުން ވެރިކަން ކުރުމުގެ ބާރާއި ވެރިކަންކުރާ ޕާޓީއަށް މަޖިލިސް ދިނުމުން ޖުޑިޝަރީވެސް ވެރިކަންކުރާ ޕާޓީގެ ބާރުގެދަށައް ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަން އެބަޖެހޭ ހުއްޓުވަން ޑިމްކޮރަސީ އަލުން އިއާދަކުރުމަށްޓަކައި ރައްޔިތުންނަށް ކުރެވެން ހުރި ކަމެއް އެބަޖެހޭ ކުރަން، ކުރިއަތް އޮތް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް. މި ސަބަބަށްޓަކައި މިއީ ރައްޔިތުންނަށް ލިބޭނެ އެންމެ ފަހުޗާންސް، ރައްޔިތުން އެބަ ބުނަންޖެހޭ ދެންހެވޭ ރައްޔިތުންގެ ބާރުތަށް އެއްބާރަކަށް ކަހާލީމާ ފެންނަ މަންޒަރުތަށް އަޅުގަނޑުމެންނަށް ފެނިއްޖެޔޭ، އެއިން ނުކުތް ނަތީޖާއެއް ނެތޭ، އެއިން ވާހާވެސް ކަމަކީ ހެޔޮވެރިކަމަށްޓަކައި ވަކާލާތުކުރާ ބަޔަކަށް އުނދަގޫކުރުން، އެނޫން ތަނެއް ނުފެނޭ އަޅުގަނޑުމެންނަށް." އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ފުރަތަމަ ނާއިބް ރައީސްކަން ކުރެއްވި ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުހެ ކެމްޕޭންގައި ރައްޔިތުންނާއި ބައްދަލުކުރެއްވި ކަމަށާއި، ސަރުކާރަށް ތާއިދުކޮށް ވާހަކަ ދެއްކި އެއްވެސް ރައްޔިތަކާއި އެމަނިކުފާނާއި ދިމާނުވާ ކަމަށެވެ. ރައްޔިތުން ތިބީ ސަރުކާރުދެކެ ފޫހިވެފައި ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެެވޭނެ އެއްވެސްކަމެއް ނެތްކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ހިންގުންވެސް ބޭރުދައުލަތްތަކާއި ހަވާލު ކުރަމުންދާ ކަމަށާއި އެގޮތުން ކުޑަކުދިންގެ ބަގީޗާ ހެދުމާއި ގަސްއިންދުން ކަހަލަ މަސައްކަތްވެސް އެފަރާތްތަކާ ހަވާލުކުރަމުންދާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ކައުންސިލްތައް ބާރުވެރި ކުރެވޭނީ ސަރުކާރުގައި ބަޖެޓް ހުރެގެން ކަމަށާއި، ސަރުކާރުގައި ފައިސާނެތި އެކަން ކުރާނީ ކިހިނެއްތޯ ރައީސް ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑު ހިތަށް އަރާ ކޮންތާކުންތޯ ކައުންސިލްތަކަށް މިސަރުކާރުން ބަޖެޓެއް ދޭނީ، މިދައުލަތުގައި މިހާރު ފައިސާއެއްނެތް، ކައުންސިލް އިންތިޚާާބަށްފަހު ސަރުކާރަށް ކައުންސިލްތައް ބާރުވެރިކުރެވޭނެ ގޮތެއް އަޅުގަނޑަަކަށް ނުވިސްނޭ، އަޅުގަނޑުމެންގެ ކައުންސިލަރުން އިންތިޚާބު ކޮށްދީފިއްޔާ އެބޭފުޅުން ހޯއްދަވާނެ ކަންކުރެވޭނެ ގޮތްގޮތް. ކޮންމެ ގޮތެއް ހަދާފައިވިޔަސް ގޯތިދޭންޖެހޭ ތަންތަނުގައި ގޯތިވެސްދޭނެ. ރަށްރަށް ސާފުކޮށް ބަލަހައްޓާނެ. މިކަންކަން ކުރެވޭނެ ގޮތްގޮތް އަޅުގަނޑުމެން ހޯދާނެ." ރައީސް ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން