ރާއްޖޭގައި ޓެކްސީގެ ޚިދުމަތްދޭ ޓެކްސީތަކުގައި ފަސިންޖަރުންގެ ހުއްދަ ލިބިގެން ނޫނީ ލަވަ ނުޖެހޭގޮތަށް ޓެކްސީ ޤަވާއިދަށް އިސްލާޙުތަކެއް ގެނެސްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކާއެކު ޓެކްސީގެ ޚިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ފިޔަވައި، އެހެން އެއްވެސް ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް މި ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެނެވެ. އަދި މިނޫން ގޮތަކަށް އެފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެކަމަށްވެސް ޤަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.

ޤަވާއިދުގައިވާ އެހެން ކަންކަމުގެ ތެރޭގައި ޓެކްސީ ސެންޓަރާއި، ޓެކްސީގެ ޚިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ޤާއިމްކޮށްފައި ހުންނާންވާނެކަމަށް ބުނެފައިވެއެވެ. އަދި މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. އަދި މިފަދަ މުއާޞަލާތީ ނިޒާމެއްގެ ބޭނުން ހިފާއިރު މުޖުތަމަޢުގައި ބަލައި ނުގަނެވޭ ފަދަ ބަސްތައް ބޭނުންކޮށްގެން ނުވާނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރެއެވެ.

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ކަމަށް ގަވާއިދުގައި ބުނެފައިވަނީ އިންޓަރނެޓް ފަދަ ވަސީލަތެއް މެދުވެރިކޮށްގެން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ފްރިކްއެންސީއެއް ރަޖިސްޓަރކުރަން ނުޖެހޭ ކޮންމެ ނިޒާމަކަށެވެ.

ޓެކްސީތަކުގައި ލަވަޖެހޭނީ ފަސިންޖަރުންގެ ރުހުން ލިބިގެންކަމަށް ކަނޑައަޅާފައިވާއިރު، ބައެއް ފަސިންޖަރުންގެ ފަރާތުން މިފަދަ ޝަކުވާތައް އާދެއެވެ. އަދި ބައެއް ޓެކްސީ ޑްރައިވަރުން ރޭޑިއޯ ސެޓުން ވާހަކަ ދައްކާއިރު ފަސިންޖަރަށް އަޑު އިވޭ ގޮތަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މައްސަލަވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން