ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ނުފެނުނު ކަމަށް ރައްޔިތުން ބުނަމުންދާކަމަށް އެމްޑީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށްކަމާއި، އެކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރެއް މެދުވެރިކޮށް ކަމެއް ކުރުމަށްވުރެ ކައުންސިލެއް މެދުވެރިކޮށް އެކަމެއް ކުރުން މާ ފަސޭހަވާނެކަމަށެވެ. އޭގެ ސަބަބުން މިނިސްޓްރީތަކުގެ ބާރު ކުޑަވެ މަސައްކަތްތައްވެސް މަދުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ނުފެނުނު ކަމަށް ރައްޔިތުން ބުނަމުންދާކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން ރައީސް ނަޝީދު ވަނީ ކައުންސިލްތައް އެމްޑީޕީއަށް ދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކައުންސިލްތަކުން ނަތީޖާ ނެރެދޭނެ ކަމަށެވެ.

"ސަރުކާރަށް ވޯޓު ދީފަތޯ އޮތީ، އެމްޑީޕީއަށް ވޯޓް ދީފަތޯ އޮތީ، އެ ވޯޓުތަކުން މާބޮޑު ރާހަތެއް ނުވާކަމަށް ތިބޭފުޅުން އަދި ވިދާޅުވަމުން ގެންދިޔަނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ހަދަން މިއުޅެނީ ވަކި ބާވަތެއްގެ ވަޑާމެއް. އެއަށް އަޅުގަނޑުމެން މިކިޔަނީ ތާހިރު ދިރިއުޅުމެއް އޮންނާނެއޭ. އަމިއްލަ ފައިމައްޗަށް ތެދުވެ ތިމާގެ އާއިލާ ބެލެހެއްޓޭނެއޭ." ރައީސް ނަޝީދު ވިދާޅުވިއެެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ހިނގަމުންދާއިރު އެހަރަކާތްތަކުގެ ތެރެއިން ބާއްވާ ބައެއް ބައްދަލުވުން ތަކުގައާއި މީސް މީޑިއާގައި ރައީސް ނަޝީދު ފާޅުކުރަށްވާ ޚިޔާލުފުޅު ތަކުގައި ސަރުކާރުގެ ތެރޭގައި ހުންނަ އުނި ކަންކަން ފާހަގަ ކުރަށްވައި އެވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިފަހުން އެމަނިކުފާނު ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްކަމަކީ ކޯވިޑާއި ގުޅިގެން ސަރުކާރުން ގަންނަން އުޅުނު ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލައިގައެވެ. އެމައްސަލައިގައި ރައީސް ނަޝީދު ވަނީ ސަރުކާރުގެ ތެރެއިން ކުރާ ވައްކަންތަކުގައި ސަރުކާރުން ވެސް ބައިވެރިވާކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން މިސަރުކާރަކީ ވައްކަށް ކުރާ ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރަކާއެކީ އެމްޑީޕީ އޮތުމަށް އެމަނިކުފާނު ރުހިވަޑައި ނުގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލާން ތައްޔާރުވަމުން އަންނައިރު އެމްޑީޕީން ވަނީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކޮށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގައިވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކެމްޕޭން ނިންމާލުމަށް ބޮޑު ހަރަކާތެއް ރާވާފައިވާކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން