މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ވޯޓު ކަރުދާސްތަކާއެކު އަތޮޅުތަކަށްދާ ފުލުހުން މިއަދު ހެނދުނު މާލެއިން ފުރަން ފަށާފައިވާ ކަމަށެވެ. މިއަދު ފުރާފައިވަނީ ހއ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކަށްދާ ފުލުހުންނެވެ. އަދި އެހެން އަތޮޅުތަކަށް ދާ ފުލުހުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ގޮސް ނިމޭނެ ކަމަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ބުނީ އަތޮޅުތަކަށް ފުލުހުން ފުރަން ފަށާފައިވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ. އަދި ފުލުހުން ގާއިމްވެ ތިބި ރަށްރަށުގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޝަނެއްގައި ވަނީ ގާއިމްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުންވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން