އެއްބަސްވުމުގެ އަސްލު ކޮބައި ހެއްޔެވެ؟ ސޮއިކުރީ ކޮންއިރަކު ހެއްޔެވެ؟ ފައިސާ ދިނީ ކޮންއިރަކު ހެއްޔެވެ؟ ވެންޓިލޭޓަރު ވައްކަމާއި ގުޅޭގޮތުން މި ސުވާލުތައްކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ޖަވާބުތަކުން މިއީ ބޮޑު ވައްކަމެއްކަން ޔަގީންވެ، ކަށަވަރުވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީން ބުނީ އެއްބަސްވުމުގެ އެކި ކޮޕީތައް ހެލްތު މިނިސްޓްރީ ތެރޭގައި އުޅޭކަމަށެވެ. އަދި އެއިން ބައެއް ކޮޕީތަކުގައި ސޮއިކުރި ތާރީހަކަށް 2 އޭޕްރިލް އަދި ބައެއް ކޮޕީތަކުގައި އެހެން ބައެއް ތާރީހްތައްވެސް ހުރިކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރަން އޮންނަ ތަނުގައި ސޮއިކޮށްފައި އޮތް ކޮޕީއެއް ލިބިފައިނުވާކަމަށެވެ. އަދި އެއްބަސްވުމުގައި 2 އޭޕްރިލްގައި ސޮއިކުރިކަމަށް އޮތްނަމަވެސް، ވެންޓިލޭޓަރުތައް ގެންނަން އެއްބަސްވުމުގައި ސޮއިކުރީ 15 އޭޕްރިލްގައިކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ. އަދި އެޑްވާންސް ފައިސާ ދީފައިވަނީ ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީން ކަމަށްވެސް ތަހުގީގުން އެނގޭކަމަށް ކޮމިޓީގައި ބުނެފައިވެއެވެ.

އޭސީސީގެ މެންބަރުންގެ ވާހަކައިން އެނގުނު އަނެއްކަމަކީ މިއެއްބަސްވުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަ ނައިބުގެ ލަފަޔާ ހިލާފަށް، ފިނޭންސް އިން ހޯދަންޖެހޭ ހުއްދަތައް ވެސް ނުހޯދައެވެ.

އޭސީސީން ބުނީ ފުލުހުންނާއެކު ކުރިއަށްދިޔަ ތަހުގީގުން މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ބެންކު އެކައުންޓްތައް ޗެކްކުރިކަމަށެވެ. އަދި ވެންޓިލޭޓަރާއި ގުޅޭ ފައިސާގެ މުއާމަލާތެއް ނުފެނުނަަސް، ޝައްކު އުފެދޭ އެހެން މުއާމަލާތްތައް ފާހަގަވެފައިވާކަމަށް އޭސީސީން ބުނެއެވެ.

އޭސީސީގެ މެންބަރުން މިއަދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރީ އެކޮމިޓީން ބަލަމުންދާ ވެންޓިލޭޓަރުގެ މައްސަލައިގައެވެ.

ކޯވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކުއިޓާޒް ކުންފުނިން ވެންޓިލޭޓަރުތަކެއް ގަންނަން ފައިސާދިން ނަމަވެސް ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ. އެމައްސަލައިގައި ހެލްތު މިނިސްޓަރަކަށް އޭރު ހުންނެވި އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މިމައްސަލަ ތަހުގީގުކުރުމަށް ފަހު ފޮނުވުމުން ޕީޖީ ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން ދައުވާނުކުރާށެވެ. ނަމަވެސް އެނިންމުމާއި ގުޅިގެން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެގެން ޕީޖީން ދަނީ އެމައްސަލަ ރިވިއު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން