ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލެ އާއި މާލެ އާއި ދެމެދު އަޅާފައިވަނީ ކޯސްވޭ ބްރިޖެއް ކަމަށާއި، "އަސްލު" ބުރިޖް ފެންނާނީ 2023 ވަނަ އަހަރު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިހެން ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ބްރިޖާ ބެހޭގޮތުން ޕީޕިއެމްގެ ނާއިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަ ދައްކަވަމުންނެވެ.

ބްރިޖްގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންނާއި ނައިފަރު ދާއިރާގެ މެމްބަރާއި ދެމެދު ވަނީ ހޫނު ބަހުސްތަކެއް ހިގާފައެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެ ބްރިޖަކީ 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި އަޅަން ނިއްމައިފައި ކުރެހުންތައް ކުރަހައި ހިސާބު ހަދައި ނިމިފައިވާ މަޝްރޫއެއް ކަމަށެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން ބްރިޖް އަޅާ ނިއްމައިފައިވާއިރު ބްރިޖްގެ އިންޖިނިއަރުންނާއި ފައިނޭންސް ހޯދާނެ ގޮތަކާއި ބެހޭގޮތުން ސުވާލު އުފައްދައި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދެވި ކަމަށެވެ.

ޝިޔާމު އެ އިޝާރާތް ކުރެއްވީ 2008 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކަށް ބާދަކުރެވޭ ގޮތަށް ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ނަޝީދު، ރައީސް މައުމޫނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ. އެ އިންތިޚާބުގެ ކެމްޕޭންގައި މާލެއާއި ހުޅުލެ ގުޅާލާ ބްރިޖެއްގެ ވާހަކަ ދެއްކެވުމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް މައުމޫން މާލެއާއި ހުޅުމާލެއާއި ދެމެދުގައި ބްރިޖެއް އަޅާވާހަކަ ދެއްކެވިޔަސް އެކަން ދިވެހި ރައްޔިތަކު ގަބޫލުނުކުރާނެ ކަމަށެވެ. އަދި އެކަމަށް ފައިސާ ހޯއްދަވަނީ ކިހިނެއްތޯއާއި އޭގެ އިންޖިނިއަރިންގ ހޯއްދަވަނީ ކޮންގޮތަކަށްތޯ، ވިދާޅުވެ ރައީސް ނަޝީދު އޭރު ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދު އޭރު ވިދާޅުވެފައިވަނީ އެއީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ހޯއްދެވުމަށް ރައީސް މައުމޫން ދެއްކެވި އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަފުޅެކެވެ.

މިއަދު މަޖިލީހުގައި ހިނގާދިޔަ ބްރިޖްގެ ބަހުސްގައި ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑޭ) ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން އަޅާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި އަޅަން ނިއްމައި ހުރިހާ ކަމެއް ނިމިފައިވާ ކޯސްވޭ ބްރިޖެއް ކަމަށާއި، "އަސްލު" ބުރިޖެއް 2023 ވަނަ އަހަރު ފެންނާނެ ކަމަށެވެ.



"25 ބުރީގެ ދެ ޓަވަރު ހުންނަވަރުގެ ދެ ރިޔާ ނަގާފައިވާ ބޮޑު ބްރިޖެއް ފެންނާނެ 2023 ވަނަ އަހަރު، މިހާރު އެއީ ބްރިޖެއްް ނޫން، އެއީ ކޯސްވޭ ބްރިޖެއް، ކޯސްވޭ ބްރިޖަކަށް ކިޔަންޖެހޭނީ ކޯސްވޭ ބްރިޖު، އަސްލު ބުރިޖް އަޅާ ނިއްމާފައި މިސަރުކާރުން ރައްޔިތުންނަށް ދައްކާނެ." އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅާލާ ބްރިޖެއް އެޅުމަށް މިސަރުކާރުން ޕްލޭންކޮށް މިހާރުވަނީ އިންޑިއާއާއެކު އެމަސައްކަތް ފަށާފައި ކަމަށް ބުނެއެވެ. އަމަލީ މަސައްކަތް ފަށާނެ އެކި ތާރީޚުތައް ސަރުކާރުން ދިން ނަމަވެސް އަދި އެމަސައްކަތް މާބާރަށް ހިނގާ ތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް