ދީބާޖާ އިންވެސްޓްމެންޓްސްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކޮށް އެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މިމައްސަލަ ފެށިގެން އައީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް 2013 ވަނަ އަހަރު ބާތިލުކުރުމުންނެވެ. އެގްރިމަންޓް ބާތިލުކުރުމުން ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށް ދީބާޖާއިން އެދުނަސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެހުކުމް ހައިކޯޓުން ބާތިލުކުރިނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ދީބާޖާ އިންވެސްޓްމެންޓްސްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި މިވަނީ އެ ހުކުމް ރިވިއުކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލަ ރިވިއުކުރަން ހުށަހެޅީ ދީބާޖާއަށް ބަދަލުދޭން ނިންމި ނިންމުމާއި ގުޅިގެން ސަރުކާރަށް ޕްރެޝަރު ބޮޑުވުމުންނެވެ. އެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން އެމައްސަލަ އެކޯޓުން ބަލައިގަތީ މިދިޔަ އަހަރުގެ މާޗްމަހުއެވެ.

ދީބާޖާއަށް ބަދަލުދޭން ކުރި ޙުކުމް ބާތިލުކޮށްފައިވާއިރު، ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފުކުރަން މިއަދުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 15 ދުވަސް ހުކުމުގައި ވަނީ ދެއްވާފައެވެ.

މިމައްސަލަ ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން