ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް، އާސާރީ ބައެއް ތަކެތި ފެނިގެން ދިރާސާތައް ހަދައިފިއެވެ.

‏މާލޭ ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ފެނިފައިވަނީ ބުދަ ދުވަހުއެވެ. އަދި އެތަކެތި ފެނުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައިވާ ގޮތުގެމަތިން ވަގުތީގޮތުން މަސައްކަތް ހުއްޓުވައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަސައްކަތް ފެށިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤާއުމީ މަރުކަޒުން ބުނީ ޒިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާ ބިނާތަކުގެ ތެރެއިން ފެނުނު ތަކެތި ކަމާގުޅޭ ފަންނީ ފަރާތްތަކުން ބަލާ، ދިރާސާކޮށްފައިވާކަމަށެވެ. އަދި ފެނުނު އާސާރީތަކެއްޗީ ކޮން އެއްޗެއްސެއްކަން ދެކެގަނެވިފައިވާކަމަށްވެސް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤާއުމީ މަރުކަޒުން ބުނެއެވެ.



މަރުކަޒުން ބުނީ ފެނުނު ތަކެތީގެ ތެރޭގައި މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ ހިމެނޭކަމަށެވެ. އަދި ހިރިގަލު 8 ކަން ވަޅަކާއި ދިވެހި އަދި ޢަރަބި ލިޔުން ކަނޑާފައިވާ މަހާނަ ގަލާއި، ފެނާއި ކާބޯތަކެތި އެޅުމަށް ބޭނުންކުރާ ކަންވާރު ފަދަ ތަކެތީގެ ބައިތަކެއްވެސް ފެނިފައިވާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤާއުމީ މަރުކަޒުން ބުނެއެވެ.

ވަގުތީ މިސްކިތެއް ބިނާކުރުމަށް ޒިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އާސާރީތަކެތީގެ އިތުރުން އެތަން ސާފުކުރަނިކޮށް މިނިކަށިތަކެއްވެސް ވަނީ ފެނިފައެވެ. މިނިކަށިތަކެއް ފެނުނު ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން