ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓްތަކަށް ދައްކަން ޖެހޭ އަގު 25 އަހަރަށް ބަހާލާނަމަ މަހަކަށް 3800 ރުފިޔާއަށް ދޫކުރެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ނައިބުރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފުލެޓުތަކަށް މަހަކު ދައްކަންޖެހޭ ކުއްޔަކީ 5،600 ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ކަމުގައި ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް ކަމަށެވެ. ދޮރާއި ތަށިމުށި ޖަހައި، ތަން ނިންމުމަށްފަހުގައިވެސް 5،600 ރުފިޔާއަށް އެ ފުލެޓުތައް ދެވޭނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި 25 އަހަރަށް ކުލި ބަހާލައިފިނަމަ، 3،800 ރުފިޔާއަށް އެޕާޓުމެންޓެއް ކުއްޔަށް ދެވޭނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ނުދައްކައި 25 އަހަރަށް ބަހާލައިގެން މަހަކަށް 7،500 ރުފިޔާ ހިޔާ ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ޑައުންޕޭމަންޓް ދައްކާނަމަ އެ އަދަދު ކުޑަވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޑައުންޕޭމެންޓެއް ދައްކައިފިއްޔާ 7،500 އަށް ވުރެ ކުޑަވާނެ، އެހެންވީމާ އެންމެ ބޮޑުވަރުވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ. އެއީ ޑައުންޕޭމެންޓެއް ނުދައްކާ. ޑައުންޕޭމެންޓެއް ދެއްކީމަ މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރު ކުޑަވާނެ. ޑައުންޕޭމެންޓު ދައްކާ މިންވަރަކުން ކުޑަވާ މިންވަރު އަންނާނީ." މިނިސްޓަރު ވިދާޅުވިއެވެ.



މީގެ އިތުރުން އެންމެ ބޮޑު ވެގެން ހިޔާ ފުލެޓަށް ދައްކަން ޖެހޭ އަދަދު ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާބަލާއިރު، އެއީ ކުޑަ އަގެއް ކަމަށެވެ. ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި، ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ހިޔާ ފުލެޓްގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީއެއްގެ ގޮތުގައި އިތުރު 1،000 ރުފިޔާ ނެގުމުން ޖުމްލަ މަހެއްގެ މައްޗަށް ދައްކަންޖެހޭނީ 6،500 ރުފިޔާ ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. ކުރީ ސަރުކާރުން މިއަގު ކަނޑައަޅާފައިވަނީ ވަކި ލޯނެއްގެ ދަށުން ފްލެޓްތައް އިތުރަށް ފުރިހަމަ ކުރުމަށް ފަހުގައެވެ.

ހިޔާ ފްލެޓް ތަކުގެ މަހަކަށް ދައްކަން ޖެހޭ އަގު މިސަރުކާރުން ކަނޑައެޅިވަރަށް ވުރެ ކުޑަކޮށް ހަމަޖެއްސޭނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް މިސަރުކާރުން ހިސާބު ޖަހާފައި ބުނަނީ ފްލެޓަކަށް ޖެހޭ ޖުމްލަ އަގު މުޢިއްޒު ޖައްސަވާ އަގަށްވުރެ ބޮޑު ކަމަށެވެ. މިސަރުކާރުން ހިސާބު ހެދުމަށްފަހު ކުރިން ފްލެޓަކަށް މަހަކަށް ދައްކަން ޖެހޭ އަގު ކިޔާފައިވަނީ ޑރ. މުޢިއްޒުމެން ހިސާބު ޖެއްސެވި ވަރަށް ވުރެ ދެގުނަ ބޮޑު ކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން