އަހުމަދު މަސްނޫމް   8 އޭޕްރީލު 2021 - 17:7
ރައީސް ޔާމިންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ނަގާ ގުރުއަތުލުން ފަށައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ފްލެޓްތަކުގެ ގުރުއަތުލުން ފަށާފައިވާއިރު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ގުރުއަތެވެ.

ގުރުއަތުލުން ޓީވީން ލައިވްކޮށް ދައްކަމުންދާއިރު، ގުރުއަތު ނަގާ ހޯލަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އަދި މިދުވަސްވަރަކީ ކޯވިޑްގެ ދުވަސްވަރު ކަމަށްވާތީ ގުރުއަތުލާ ހޯލަށް މީހުން ވައްދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށެވެ.

ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނަށް އެރުވުމުގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް އެސްއެމްއެސްއެއް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނެފައިވަނީ މި ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނު މީހުންގެ މެދުގައި ލިބެނީ ކޮން ފްލެޓެއްތޯ ބެލުމަށް ނަގާ ގުރުއަތުލުން ނަގަން ފަށާފައިވާއިރު، ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، އެއަށްވުރެ ފެންވަރު ރަނގަޅު ފްލެޓަށް ކުރިމަތިލާން ޚިޔާރު ކުރާ ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން