ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާ އާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އެކަން އާންމުކުރީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާއާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކޮށް މިއަދު ނެރުނު އިއުލާނެއްގައެވެ. މީގެއިތުރުން މަޝްރޫއުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި ހުޅުވާލާނެ ފްލެޓްތަކުގެ ބާވަތްތައް ވެސް އިއުލާންގައި ވަނީ ހިމަނާފައެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އަލަށް ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ފްލެޓް ލިބުމުގެ ޝަރުތު ފުރިހަމަވުމުގައި ބަލާނެ އެންމެ ދަށް މާކްސަކީ 42 ކަމަށެވެ. އަދި ފްލެޓްތައް އެލޮކޭޓްކުރުމުގައި 75 މާކްސް އަދި އެއަށްވުރެ މަތިން ލިބޭ މީހުންނަށް ފްލެޓް ކަށަވަރުކޮށްދޭން އިސްކަންދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާންގައިވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަަށުން ފްލެޓަށް އެދޭ މީހުންގެ ޝަރުތު ހަމަވާ ކަމަށް ބަލާނީ މާލޭގެ ރަށްވެއްސަކަށް ވިތާ މަދުވެގެން 15 އަހަރުވެފައިވާ 18 އަހަރުން މަތީގެ މީހެއް ނަމައެވެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއްވެސް އޮވެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެއެވެ. އެފަދަ މީހަކު ފްލެޓަށް އެދިއްޖެ ނަމަ، އެޕްލިކޭޝަން ބާތިލްވާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެޕްލިކޭޝަންގެ ދަށުން އެވޯޑުކުރެވޭ ހައުސިން ޔުނިޓް ލިބޭ މީހުން މާލޭގެ ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާނަމަ، އެ މަޝްރޫއުގެ ދަށުން ލިބުނު ބޯހިޔާވަހިކަންް ދައުލަތަށް އަނބުރާ ނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 61،000 އަށް ވުރެ އިތުރުނަމަ، އެފަދަ އެއްވެސް މީހަަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުންް ފްލެޓެއް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އިއުލާންގައި ބުނާގޮތުން ސަރުކާރުގެ ކައުންސިލް ހައުސިންް އަށް ކުރިމަތިލެވޭނީ ޖުމްލަ އާމްދަނީއަށް މަހަކު 17،000 އަށް ވުރެ ދަށް އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

އެފޯޑަބަލް ހައުސިންއަށް ކުރިމަތިލެވޭނީ ޖުމްލަ އާމްދަނީއަށް މަހަކު 17،000 އާއި 32،000ރ. އާ ދެމެދު ލިބޭ ފަރާތްތަކަށެވެ. އަދި މިޑްރޭންޖް ހައުސިން އަށް ކުރިމަތިލެވޭނީ 32،000 އައި 61،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންނަށެވެ. ފުލެޓްތަކުން ހަ މީހުންނަށް ދެ ކޮޓަރި ހާއްސަ ކުރާއިރު ނުވަ މީހުންނަށް ހާއްސަކުރަނީ ތިން ކޮޓަރީގެ ފްލެޓްތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެފޯޑަބަލް އަދި މިޑްރޭންޖް ހައުސިންގެ ދަށުން ފްލެޓް ލިބޭ މީހުންް، އެޕްލިކަންޓުންގެ ގޮތުގައި ހިމެނޭ ފަރާތްތައް މަދުވެގެން ފަސް އަހަރު ދިރިއުޅެން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ. އަދި ބޭންޑް ދޭއް ނުވަތަ ތިނަކަށް ކަނޑައަޅާފައިވާ ފްލެޓްތަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ފްލެޓް ހަވާލުކުރާނީ ދެ ވަނަ ސްޓޭޖްގެ ވެރިފިކޭޝަނަކަށް ފަހު ނެގޭ ގުރުއަތަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން