ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލައެއް ހައިކޯޓުން ބޭރުކޮށްލުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޑްރާމާއެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ސިފަކުރާ އަލީ ވަހީދުގެ މައްސަލައިގައި ޕީޖީން އަދިވެސް ގެންދަވަނީ އެއްކޯޓުން ބޭރުކޮށްލުމުން އަނެއްކޯޓަށް ވައްދައިގެން އެ މައްސަލައާއިގެން ވަރަށް ބާރަށް ކުރިއަށް ވަޑައިގަންނަވަން ސާބިތު ކުރެއްވުމަށް މަސައްކަތް ކުރަށްވަމުންކަން ފާހަގަ ކުރެވެއެވެ.

ޕީޖީ ބުނާ ގޮތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވި ބޭރުކޮށްލުމުންނެވެ. ކުރިން ވެސް ރާއްޖެއިން ބޭރުގައި ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސް ތަކެއް ވަންދެން ދިރިއުޅުއްވި އަލީ ވަހީދާއި މެދު ބަދުއަޚުލާގީ އަމަލު ތަކެއްގެ ތުހުމަތާއި އަންހެނުން ތަކެއްގެ އިއްފަތްތެރިކަން ގެއްލޭފަދަ އަމަލު ތަކަކަށް ތުހުމަތު ކުރެވިފައިވާއިރު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޕީޖީ އެދިވަޑައި ނުގެންނެވުމުން ވެސް ގިނަ ބަޔަކު ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެންމެ ފަހުން ކޯޓުން ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯ ވެސް ދޫކޮށްލީ ޕީޖީން އެކަމަށް ތާއީދުކޮށްގެން ކަމަށް ވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވި ބޭރުކޮށްލާފައިވަނީ އަލީ ވަހީދު މިހާރު އުޅޭ އެޑްރެސް ޕީޖީއަށް ނުހޯއްދެވުމުންނެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި އޭނާގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އޭނާ ފުރި މައްސަލަ ދައުލަތުގެ ބައެއް މުއައްސަސާތަކުން ބަލަމުންދާއިރު، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އަލީ ވަހީދު ފުރާފައިވަނީ ސަރުކާރުގެ ތެރެއިން ބަޔަކު އެހީތެރި ވެދީގެންކަމަށެވެ. އެހެން ކަމުން މިކަމުގައި ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި މިއީ ބަޔަކު ގުޅީގެން ކުޅޭ ޑްރާމާ އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން