އަންނަ ރޯދަމަހު ސްކޫލުތަކުގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް ތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގައި ކަމަށެވެ. ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ.

އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ 1 ގަޑި 30 މިނެޓު ވަންދެން ކަމަށް ސާކިއުލާގައިވެއެވެ. ގްރޭޑު 1 އިން 6 ގެ ކުދިންނަށް ދެ ގަޑި 30 މިނެޓު އަދި ގްރޭޑު 7 އިން މަތީގެ ކުދިންނަށް ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މާއްދާއެއް ކިޔަވައިދޭ ވަގުތުގެ ދިގުމިން 30މިނެޓާއި 45 މިނެޓާ ދެމެދަށް ފައްތަން ވެސް ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މަދުވެގެން ދެ ހަފުތާ ތެރޭގައި ހުރިހާ މާއްދާ ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސުކޫލުތަކަށް އަންގާފައެވެ.

އެކަންކަމުގެ އިތުރުން ދަންފަޅިތައް ރާވާއިރު ހަތަރު ގަޑިއިރަށް ވުރެ ދިގު ނުވާނެހެން ޓީޗަރުންގެ މަސައްކަތުގަޑި ހަމަޖެއްސުމާއި މަޣުރިބް ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމާއި ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00އިން 10:30 އާ ދެމެދު ރާވަން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން