ރ. އިނގުރައިދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރ. އިނގުރައިދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކަށް އަނިޔާވި ހާދިސާ ހިނގާފައި ވަނީ އެރަށު ގުލްހަޒާރު ގޭގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 14:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ގޭސްފުޅި ގޮވައި ހިނގި ހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި މިހާރު ވަނީ ފަރުވާ ދޭން ފަށާފައެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކަށެވެ. އެ ދެމީހުން އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.



އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އުމުރުން ދުވަސްވީ އަންހެންމީހާ އަށެވެ. އޭނާގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ ފިހިފައެވެ. މިހާދިސާގައި އެ މީހުން ދިރިއުޅެމުން އައި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ގޭގެ ބަދިގޭގެ ފާރު އެއްކޮށް ވެއްޓި ބަދިގޭގައި ހިފައި ގެންގުޅޭ ސާމަނަށް ވެސް ވަނީ ގެއްލުންވެފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން