އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން
އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން
އެމަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށާއި، އަލުން އަނބުރާ ރައްޔިތުންނާއި ބައްދަލުކުރާނީ ބަދަހިކޮށް ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއްގައި މިހާރު މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، މިހެން ވިދާޅުވީ އެމަނިކުފާނަށް ތާއީދުކުރައްވާ އެންމެހާ ރައްޔިތުންނަށް، އަދި ޢާންމުކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވި ޚާއްޞަ ސިޓީއެއްގައެވެ. މި ސިޓީ އާންމުކޮށް އިއްވަވާފައިވަނީ ޗެނަލް13 މެދުވެރިކޮށް ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ބައްދަލުކުރައްވަނީ ޤައުމުގެ މިއަދުގެ ޙާލަތާމެދު އިންތިހާއަށް ކަންބޮޑުވެ ދެރަފުޅުވެވަޑައިގަންނަވާ ޙާލުކޮޅުގައި ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އިޤުތިޞާދު ކޮޅަށް ޖައްސަވައި، ޤައުމީ މަޞްލަޙަތާ ގުޅުންހުރި ޙައްލުކުރެވޭނެ ކަމުގައި ކުރިން ޤަބޫލުކުރެވިފައި ނެތް މައްސަލަތައް ޙައްލުކުރެއްވި ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ، ރައްޔިތުން އެ ޤައުމަކާމެދު ފަޚުރުވެރިވާފަދަ ޤައުމަކަށް ހައްދަވައިދެއްވި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. މި މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ބޭފުޅުންނާއި، އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގަތީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކެވަޑައިގެން، ބޮޑެތި ބާރުތަކާއި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަލްސަފާއާ ދެކޮޅުވެވަޑައިގެން ކަމަށެވެ. އަދި އެ ވިސްނުމަކީ ޕީޕީއެމް ޕީއެންސީގެ ފިކުރު ކަމަށާއި، އެއީ ޤައުމީ ފިކުރު ކަމަށާއި، އެ ފިކުރުގެ ރައްޔިތުންގެ ހަށީގައި ލޭ ހިނގާހާ ދުވަހަކު މި ޤައުމަށް ވާނެ ގޮތެއްވާން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ ސިޔާސީ ވާދަވެރިންނާއި އެ ބޭފުޅުންނަށް ވާގިވެރިވާ ފަރާތްތައް އެމަނިކުފާނުގެ ޤައުމީ ފިކުރުދެކެ ބިރުން ކަމަށެވެ. އަދި އެމަނިކުފާނާއި ޕީޕީއެމް/ޕީއެންސީގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށް ކަމަށާއި، އަދި އެ ބޭފުޅުން އަމާންދެއްވަފާނެ ކަމުގެ ފިނޑި ޚިޔާލުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.

އެމަނިކުފާނަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށާއި، އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްވުރެ އެމަނިކުފާނު އިސްކުރައްވާނީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނަށް މުހިއްމީ ދިވެހި ރައްޔިތުންގެ މިނިވަންކަން ކަމަށާއި، މި ޤައުމުގެ އިސްތިޤުލާލު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.



ބޭރު މީހުން މި ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ ކަމަށާއި، އެކަމަށް ދިވެހިން ފާރަވެރިވާން ޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި، އެކަމުގައި އެމަނިކުފާނުގެ ޟަމީރު ސާފު ކަމަށެވެ. އެމަނިކުފާނު ޖަލަށްލައިގެން އުޅެނީ، އިންސާފު ނުދީ ބަހައްޓައިގެން އުޅެނީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވާނެކަން ސިޔާސީ ވާދަވެރިންނަށް އެނގިވަޑައިގަންނަވާތީ ކަމަށް ޔާމިން ވިދާޅުވިއެވެ.



އަދި ޖަލަށްލައިގެން އުޅެނީ ކުށެއް ކުރައްވައިގެން ނޫން ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ޔާމިން ދެއްވިއެވެ. އަދި ޙަޤީޤީ އަނިޔާއަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވަފާނެތީ ބިރުން ޖަލަށްލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ޤައުމަށް ރަންޒަމާނެއް ހޯދައިދެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ނިމުމެއް ނޫން ކަމަށެވެ.



އެއީ ހަމައެކަނިި ކުޑަކުޑަ މަޑުޖެހުމެއް ކަމަށާއި، މާތްﷲގެ ވާގިފުޅާއެކު އަލުން އެ ދަތުރު ފަށައި އުފާވެރި ޙަޔާތެއްގެ ދަންމަރު އަލުން ރޯކޮށް ނަފާވެރިކަން މި ޖީލަށް އަލުން ގެނެސްދޭނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ފިކުރުން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ސަޕޯޓަރުން ކިބައިން އެދިވަޑައިގެންފައިވަނީ ހިތްވަރުކުރުމަށާއި، ގަދައަޅައި މަސައްކަތްކުރުމަށެވެ. އަދި ޕީޕިއެމްގެ ފިކުރު އަނބުރާ އަންނާނީ ބަދަހިކޮށް ކަމަށްވެސް ވިދާޅުވެ އުންމީދުގެ މެސެޖެއް ރައީސް ޔާމިން ވަނީ ދެއްވާފައެވެ.



"އަޅުގަނޑުމެން މިއެދޭ ރަންޒަމާން މިޤައުމަށް ހޯދައިދިނުމަށް ކުރެވުނު ދަތުރުގައި މިޖެހުނީ ކުޑަކުޑަ މަޑުޖެހުމެކެވެ. އެދަތުރު މާތްﷲގެ ވާގިފުޅާއި އެކު އަލުން ފަށައި އުފާވެރި ޙަޔާތެއްގެ ދަންމަރު އަލުން ރޯކޮށް ނަފާވެރިކަން މިޖީލަށް އަލުން ގެނެސްދޭނީ މިފިކުރުންނެވެ." ރައީސް ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން