މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 113 މީހަކު ޕޮޒިޓިވްވެ 152 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 25،304 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 3،062 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 56 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 57 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 46 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 85 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 2،950 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 152 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 22،166 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 265،235 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި 4،950 މީހަކު މިއަދު ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 4،382 މީހަކު ވަނީ ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 14،951 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން