ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
އެމަނިކުފާނުގެ އަމިއްލަ ފަސްގަނޑު މާމިގިއްޔަށް ޚިދުމަތް ކޮށްދެއްވަނީ ވައުދުތަކެއް ވެގެން އޭގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ "ބޮޑެތި ޖަރީމާ ތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ރިޕޯޓެއްގައި އެމަނިކުފާނު މާމިގިއްޔަށް ވެވަވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާ ކަމަށް ބުނެ ފަތުރާފައިވާ ވާހަަކަތަކާއި ގުޅިގެން "ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވިލާ ގުރޫޕްގެ ޗެއާމާން އަދި ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހިމް ވިދާޅުވީ، މާމިގިއްޔަށް އެމަނިކުފާނު ކޮށްދެއްވާ ކަންކަމަކީ ވައުދުތަކެއްވެވަޑައިގެން އޭގެ މައްޗަށް ބިނާކޮށްގެން ކުރާ ކަންތައްތަކެއް ނޫން ކަމަށާއި، މިހާތަނަށް ކަން ހިނގަމުން އައީ އެގޮތަށް ނޫން ކަމަށެވެ. އެމަނިކުފާނު ވައުދު ނުފުއްދާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ބަޔަކު އަޑީގައި ތިބެ "ގަޑުބަޑު" ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ.



އަދި މަދުބަޔަކު އެވާހަކަތައް އަޑުއެހި ނަމަވެސް މާމިގިލީ ގިނަ ރައްޔިތުން އެވާހަކަތައް ގަބޫލު ނުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މާމިގިލީ ދާއިރާގެ ރައްޔިތުން ގަބޫލުކުރާނެ އުފަންދާއިރާއަށް އަޅުގަނޑު ކޮށްދީފައިވާ ޚިދުމަތްތަކާއި ގާތްކުރާ ވަރަށްވެސް، އެއްވެސް ފަރާތަކަށް އުފަންދާއިރާ އަކަށް ޚިދުމަތް ކުރެވިފައިނުވާނެކަން،" މާމިގިލި ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާސިމް ވިދާޅުވިއެވެ.



މީގެ އިތުރުން ގާސިމް ވިދާޅުވީ، މިއަދުވެސް އަދި މާދަމާ ވެސް ރަށާއި ދާއިރާގެ ތަރައްގީއަށް ކަމެއް ކޮށްދެވޭނީ އެމަނިކުފާނަށް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

"އެކަމަށް ރައްޔިތުން ޝައްކެއް ނުކުރާނެ، ބަޔަކު ވަކި މަގުސަދެއް ހާސިލް ކުރުމަށް ކޮންމެ ވާހަކަ އެއް ދެއްކިއަސް." މަޖިލީހުގެ ރައީސްކަންވެސް ކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.

"ބޮޑެތި ޖަރީމާ ތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް." މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާއިއުކުރި ރިޕޯޓްގައި މާމިގިލީ ރައްޔިތުންނާއި، ރަށު ކައުންސިލާއި ގާސިމާއި ގުޅުވައިގެން ހަގީގަތާއި ޚިލާފު ގިނަ ވާހަކަތަކެއް ލިޔެފައިވެއެވެ. އެ ވާހަކަތަށް މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް ވަނީ ދޮގުކުރައްވާފައެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ އެ ދާއިރާގެ ގިނަ ބަޔެއްގެ ތާއިދާ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މާމިގިލި ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައިވަނީ ގާސިމެވެ.

މާމިގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރައްވައި ޒަމާނީ ޕޯޓެއްވެސް ތަރައްގީކޮށް ހިންގަމުންދާ ގާސިމަކީ އިޖުތިމާޢީ ރޮނގުން ވެސް ދިވެހި ރައްޔިތުންނަށް ގިނަގުނަ އެހީތައް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ދިވެހި އެތައް ދަރިއަކަށް މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ހޯއްދަވައި ދެއްވައި އެތައް ރައްޔިތަކަށް ބޭސްފަރުވާ ކުރުމުގައި ވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން