ދިވެހި ކާބަފައިން އެމީހުންގެ އުމުރު ހުސްކޮށްލީ ދަރިންނަށް ތަޢުލީމު ހޯދައިނުދެވުމުގެ ހާސްކަމާއި، ހިތާމައިގައި ކަމަށާއި، ދެން އެ ފަދައިން އުމުރު ހުސްކުރާނެ ދިވެއްސަކު، މި ރާއްޖޭގައި ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.



ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ، އއ. ރަސްދޫގައި ބޭއްވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައި ވާނީ މި ދެންނެވި މާޒީ ތަކުރާރު ނުވާނޭހެން، ފޮތް ފަންސޫރަށް ސަލާން ޖަހަން ނުޖެހޭނޭ ފަދައިން، ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް، ތަޢުލީމީ، ޤާބިލް ދިވެހި ދަރީންތަކެއް އުފެއްދޭނެ މަގު ތަނަވަސްވާގޮތަށް ކަމަށެވެ. މިގޮތުން ސަރުކާރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ލޯން ސްކީމްތަކާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކުގެ އިތުރުން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ޕްރޮގްރާމް މެދުވެރިކޮށް ގިނަ ޒުވާނުންތަކެއް ތަމްރީންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އިންސާނީ ތަރައްޤީ ނެތް ތަނެއްގައި ޢުމްރާނީ ތަރައްޤީގެ ބޭނުމެއް ނެތްކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޛުކުރުމުގައި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން، ރާއްޖޭގެ ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވައިދެމުންދާ ދަރިވަރުންގެ ޢަދަދަށް އެކަނި ނަޒަރު ހިންގާލުމުން ވެސް ހާމަ ވެގެންދާނެ ކަމަށެވެ. މިގޮތުން، އެމަނިކުފާނު ވަނީ ފުރަތަމަ ޑިގްރީ އަށް ސަރުކާރުން ހިލޭ ކިޔަވައިދެމުންދާ 10،486 ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ތިބިކަން ފާހަގަކުރައްވާފައެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން