އަހުމަދު މަސްނޫމް   9 އޭޕްރީލު 2021 - 14:43
ހުސްވި މާރިޗު މަހު މީރާއަށް 1.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިއީ މާރިޗު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މާރިޗު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ. މާރިޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކޮށްފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މާރިޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، މާރިޗު 2021 ގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީ.ޖީ.އެސް.ޓީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މާރިޗު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 51.0 އިންސައްތަ ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 އިންސައްތަ ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8 އިންސައްތަ) ހިމެނެއެވެ.

މާރިޗު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން